Advertisement
ކ. މާލެ
|
22 މާރޗް 2019 | ހުކުރު 20:16
ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ހެލްތް މިނިސްޓްރީ
ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްފި
އަން-ސްޓޮޕް ސެންޓަރ ތައް ޤާއިމުކުރާނެ
ހަރުބަލީގެ މީހުންގެ ދަފްތަރާއި، ރިސާރޗް އާއި ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރެވިގެންދާނެ

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ހިމެނޭ ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކ. ތުލުސްދޫގައި ބޭއްވި ހަފްލާގައި މިޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމް އަކީ މިނިސްޓްރީން އައިޖީއެމްއެޗް އާއި ގުޅިގެން ހަކުރުބަލިން އާއްމުން ރައްކާތެރިކުރުމަށާއި ހަކުރުބަލީގެ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރުމަށް އެކުލަވާލެވިފައިވާ ޕުރޮގުރާމެއްކަމެކެވެ.

މިހަފްލާގައި މިނިސްޓަރު އަމީން ވިދާޅުވީ މިޕްރޮގްރާމުގެ ތެރެއިން އިސްކަންދެނީ ހަކުރުބަލީގެ ފަރުވާގެ ނިޒާމު ވަރުގަދަކޮށް ފުޅާކުރުން ކަމަށާއި، އަން-ސްޓޮޕް ސެންޓަރ ތައް ޤާއިމުކުރުމަށް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ހަކުރުބަލީގެ މީހުންނަށް ވަކި ހަމަތަކެއްގެ މަތިން ފަރުވާ ދެވޭނެ ގައިޑްލައިންތައް ތައްޔާރުކުރެވި އޭގެ ތަމްރީންތައް މުޅިރާއްޖޭގެ ސިއްޙީ ޚިދުމަތްދޭތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށްދޭނެ ކަމަށެވެ. އަދި ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެކުގައި ހަރުބަލީގެ މީހުންގެ ދަފްތަރާއި، ރިސާރޗް އާއި ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ މިބައްޔަށް ފަރުވާ ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި އިތުރު ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށެވެ.

''މިޚިދުމަތް ޒަމާނީ ފެންވަރެއްގައި ދިނުމަށްޓަކައި އޮންލައިން ޑައިބިޓީސް ކްލިނިކް އެއް ޤާއިމުކުރެވި، މާލޭގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުންގެ ލަފާ އަތޮޅު ތެރޭގައި ތިބޭ ޑޮކްތަރުންނަށް ލިބިގެންދިއުމާއެކު، މިއަދު މިބޭއްވޭ ފަދަ ހަކުރުބައްޔަށް ޚާއްސަ ކޭމްޕުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި. އުސޫލެއްގެ ތެރެއިން، މިހާރު ބައެއްކަންކަމަށް ހަކުރުބަލީގެ ފަރުވާއަށް އަމިއްލައަށް ހޭދަކުރަންޖެހޭ މިންވަރު މަދުކުރެވިގެންދާނެ.'' މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އަމާޒަކީ، ހަކުރުބަލީގެ މީހުންނަށް ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފުރުސަތުތަށް އިތުރުކުރުންކަމަށާއި، ވަޒީފާގެ މައިދާނުގައި އެއްވެސް ތަފާތުކަމެއްނެތި ފުރުސަތުތަކަށް މަގު ފަހިކޮށްދިނުން ކަމަށެވެ.

ދުނިޔޭގެ ބާރުދަގަ ބޮޑެތި ޤައުމުތަކުގެ ވެރިންގެ ގޮތުގައާއި އިސްމަޤާމުތަކުގައި ހަރުބަލީގެ މީހުން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހަކުރުބައްޔަށް އިސްކަމެއް ދެވުނީ 2015 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ އާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 މީހުންގެ ތެރެއިން 8 މީހުންނަކީ ހަކުރުބަލީގެ މީހުންނަށްވުމާއި، ކޮންމެ 10 މީހުންގެ ތެރެއިން 8 މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިނަށްވުރެ ބަރުދަން މަތީގައި ތިބުމުންނެވެ. އަދި ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު 82 އިންސައްތަ މީހުންވާކަންވަނީ ހާމަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް