ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ރިޔާސީ އިންތިޚާބަށްފަހު ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އިނގިރޭސިވިލާތުން މަރުޙަބާ ކިޔައިފިއެވެ.
ޖެނީވާގައި ކުރިއަށްދިޔަ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި އިނގިރޭސިވިލާތުން ދިން ސްޓޭޓްމަންޓެއްގައި ބުނީ ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން ރަނގަޅުކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މަރުޙަބާ ކިޔާކަމަށެވެ. އަދި ޑިމޮކްރެޓިކް މުޖްތަމައެއް ބިނާކުރުމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި، އިންސާނީ ހައްޤުތަކާއި ބެހޭ އޮނިގަނޑުގެ ފުރިހަމަ ބޭނުން ރާއްޖެއިން ހިފުމަށް އިނގިރޭސިވިލާތުން ގޮވާލިއެވެ.
ނޮވެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވައި، އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އެއޮފީހުގެ އެހީތެރިކަން ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެއޮފީހުގެ އިސްވެރިންގެ ވަފުދެއް ދާދިފަހުން ރާއްޖެއަށް ޒިޔާރަތް ކުރެއްވިއެވެ.
އަދި ދިވެހިރާއްޖެ އަލުން ކޮމަންވެލްތްގެ މެމްބަރަކަށްވުމަށް ހުށަހަޅައި އެމަސައްކަތް ވެސް ދަނީ ކުރަމުންނެވެ.