ކ. މާލެ
|
22 މާރޗް 2019 | ހުކުރު 08:00
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ރައްޔިތުން ނިކަމެތިވެ ބިކަހާލުގަ ޖެހޭ ހިސާބަކީ ސުޕްރީމް ކޯޓު: އާޒިމް
މިއަދު ފެންނަ މަންޒަރަކީ ސުޕްރީމް ކޯޓުން ޤާނޫނު ހަދައި، ޤާނޫނަށް އިސްލާހު ގެންނަ މަންޒަރު ކަމަށް ވިދާޅުވި

ރައްޔިތުން ހަޤީޤަތުގައި ނިކަމެތިވެ ބިކަހާލުގައި ޖެހޭ ހިސާބަކީ ސުޕްރީމް ކޯޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންނަށް އިންސާފު ނުލިބޭނަމަ އެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ނުލިބޭނެ ކަމަށާއި، އަދި ރައްޔިތުން އެފަދަ ހާލެއްގައި ތިބޭނަމަ ދިވެހިރާއްޖެއަށް ވެސް ކުރި ނޭރޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ލިބެން އޮތީ ސުޕްރީމް ކޯޓު ބަދަލުކުރެވިގެން ކަމަށެވެ.  

"ސުޕްރީމް ކޯޓު ބަދަލު ނުވެއެއް، މިޤައުމުގެ ކަންކަން އިސްލާހެއް ނުވާނެ. އަޅުގަނޑުމެން މިއަދު ކަންބޮޑުވޭ، ގައިން ހީބިހި ނަގާ މިކަހަލަ ވާހަކަ ދެއްކީމަ، ނާއިންސާފުން ކަންކަން ހިނގާވަރު މި ޤައުމުގައި، ގޯސްކޮށް. ދެން ވިސްނާ އާދައިގެ ރައްޔިތަކާ ދޭތެރޭ މި ޤައުމުގަ ކަންކަން ހިނގާފަ ހުންނާނެ ގޮތް. އާދައިގެ ނިކަމެތި ރައްޔިތަކު ކަމަކު ދިޔައިމަ ސުޕްރީމް ކޯޓުން ބަލައި ނުގަނެ މައްސަލަ އެބަހުރި" އާޒިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓާއި މެދު ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، މިއަދު ފެންނަ މަންޒަރަކީ ސުޕްރީމް ކޯޓުން ޤާނޫނު ހަދައި، ޤާނޫނަށް އިސްލާހު ގެންނަ މަންޒަރުކަމަށެވެ.

"ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެފަ އެބަ އޮވޭ ޤާނޫނު ހަދަނީ އަޅުގަނޑުމެންނޭ، އެއަށް އިސްލާހު ގެންނާނީ އަޅުގަނޑުމެންނޭ. މިއަދު މި ފެންނަނީ ދިމާ އިދިކޮޅަށް. ސުޕްރީމް ކޯޓުން ޤާނޫނު ހަދަނީވެސް ޤާނޫނަށް އިސްލާހު ގެންނަނީވެސް. އަޅުގަނޑުމެން ބައެއް ދުވަސްދުވަހު އެބަ ހިތަށްއަރާ، މަޖިލީހަށް ގޮސް އަޅުގަނޑުމެން ބުނަން، ޤާނޫނު މި ފްލޯއަށް ގެނައިމަ މިތާ ކީއްކުރަންހޭ މަޝްވަރާ ކުރަނީ، ހިނގާށޭ ފޮނުވާލަން މީތި ސުޕްރީމް ކޯޓަށް. އެމީހުން ކައިރީ ބުނާނީ. އެމީހުން ބަލާފަ، ސުޕްރީމް ކޯޓުން ބަލާފަ ބުނާނީ އާނ މި ޤާނޫނު ރަނގަޅޭ. މި މާއްދާ ބަދަލުކުރާށޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިފަދައިން ކަން ހިނގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަތިގަނޑަކަށް ނުވާތީ ކަމަށެވެ. މެންބަރުން އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތް ކުރާނަމަ އެފަދައިން އަމަލުކުރުމަށް ސުޕްރީމް ކޯޓަށް ނުކެރޭނެ ކަމަށާއި، އަމަލު ކުރެވިގެންވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަނޑައެޅިގެން ޤާނޫނު އަސާސީގައި އޮންނަ ގޮތާ ޚިލާފަށް ސުޕްރީމް ކޯޓަށް ކަންކަން ނިންމާކަށް (ބާރެއް) ނޯންނާނެ. ސުޕްރީމް ކޯޓުގެ ބޭފުޅުންނަށް އޮޅޭ ކަމެއް އެބަ އޮވޭ، ޤާނޫނު އަސާސީގަ އޮންނަނިއްޔޯ، އޮވޭ، އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުންނޭ، އެތަންކޮލު އެކަނި ނަގަނީ. އެންމެ ފަހުބަސް އެ ބުނަނީ ޤާނޫނަކާ ޚިލާފު އުފެދިއްޖެ ނަމަ. ޤާނޫނީ ލަފަޔަކަށް އަހަން ޖެހިއްޖެ ނަމަ. މުޅި ދިވެހިރާއްޖޭގެ ކަންކަމުގަ އެންމެ ފަހުބަސް ބުނާ ބައެއް ނޫން ސުޕްރީމް ކޯޓަކީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިވަގުތުވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، ނޫން، އެއީ އެހެން އޮންނަ އެއްޗެއް ނޫން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ސުޕްރީމް ކޯޓުވެސް އޮންނަން ޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށެވެ. އާޒިމް ވިދާޅުވީ، މިހާރުވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދެވިފައިވާ ބާރުތަކާއި، އެ ފަނޑިޔާރުން ހޯއްދަވައިގެން ތިއްބެވި ފަދަ ބާރުތައް ރައްޔިތުން އެ ފަނޑިޔާރުންނަށް ދޭން ވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

- ކޮމެންޓް