ސީ ލައިފް ގްލޯބަލް އިންކޯޕަރޭޓެޑް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ފްލެޓް އެޅުމަށް ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ކޮންޓްރެކްޓަރ ފިލާފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައްލު ކުރަންޖެހޭކަމަށް އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭގެ ދާއިރާއަށް ވާދަކުރަށްވާ އަލީ ނިޔާޒް ވިދާޅު ވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި އޮތް އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔަމީން ސަރުކާރުގައި ކޮންސްޓްރަކްޝަން ސައިޓްތައް މީހުންނަށް ދީފައިވާ ކަމަށާއި އަދި ކޮންޓްރެކްޓަރު އޮޅުވާލައިގެން މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު އެމީހުން މިހާރު ވީ ހިސާބެއްވެސް ނޭނގެ ކަމަށެވެ. އަދި މިހާރު އެތަންތަނަކީ ވަޅުގަނޑުތަށް ހެދި މަދިރި އުފެދޭ ފެކްޓްރީ ތަކަކަށް ބަދަލުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ އެއްތަނަކީ ސީލައިފް. އެއީ ނުހައްގުން ހިންގާފައިވާ މުއާމަލާތެއް. ސީލައިފްގެ މައްސަލަ މިހާރު އޮތީ ކޯޓްގައި. ކޮންޓްރެކްޓަރ ވީ ހިސާބެއް ނޭނގޭ. ކޮންޓްރެކްޓްވެސް ބާތިލްވެފައިވާއިރު އެމައްސަލަ ބަލާ އެތަން އަތުނުލެވެންވީ ސަބަބެއް ނުވިސްނޭ. މިވަގުތުން ވަގުތަށްވެސް ފިޔަވަޅުއަޅާ، ކަމާ ގުޅުންހުރި އިދާރާތަކުން މި މައްސަލައަށް އަވަސް ހައްލެއް ގެންނަންޖެހޭ" އަލީ ނިޔާޒް ވިދާޅުވިއެވެ.
ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް އެޗްޑީސީއިން ހަވާލުކުރީ 2014 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެ ކުންފުނިން އިމާރާތް ކުރާނެ ކަމަށް އޭރު ބުނި އެޕާޓްމަންޓެއްގެ ޖުމްލަ އަގަކީ 3.4 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ އެ އަހަރުގެ އޭޕްރީލް މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) މިހާރު ދިރިއުޅެމުން ދަނީ ރާއްޖޭން ބޭރުގައެވެ.