ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެކު ކުރާ މަސައްކަތުން ރައްޔިތުންގެ މަޖިލީހުގެ ހަ ގޮނޑިވެސް ނުނެގޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އެވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެކު އިއްތިހާދު ވެވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އެދެޕާޓީގެ ފަރާތުން މެންބަރުން ހޮއްވެވުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. ނަމަވެސް އެ ކޯލިޝަންގެ ތެރެއިން މަޖިލީހަށް މެންބަރުން ނުހޮވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި އެކު އިއްތިހާދު ވެގެން 87 ގޮނޑީގެ ތެރެއިން ރަނގަޅު ހަ ގޮނޑި ނުނެގޭނެ ކަމަށެވެ.
ނަގޫ ގޮށްޖެހޭނީވެސް އެބޭފުޅުން އެބޭޅުންނަށް ކަމަށާއި އެއުޅެނީ މިހާރު ޖެހެން ކަމަށެވެ. އަދި އެ ގޮށް ޖެހިގެން ވަޑައިގަތުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބި ޕާޓީތައް، ޚާއްސަ ގޮތެއްގައި އަދާލަތު ޕާޓީއާއި އެކުގައި އެއްބަސްވުންތައް ވަމުން ދާ ކަމަށާއި އަދި އެކުގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ އެއްބަސްވުން އެންމެ އަކުރަކުންވެސް ޚިލާފެއް ނުވާނެ ކަމަށާއި ވަޒީރުންގެ މަޖިލީހުގައި އެތިއްބެވި ހުރިހާ ބޭފުޅުން އެތިއްބެވި ގޮތަށް އެޕާޓީތަކުގެ ބޭފުޅުން ތިއްބަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެހެންވެސް މަޤާމުތަކުގައި ތިއްބެވި ޕާޓީ ތަކުގެ ބޭފުޅުން ތިއްބެވުމަކީ އެންމެން ސާފުކޮށް އެއްބަސްވެފައިވާ ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެއްބަސްވުމެއްގައި ދެވެން ނެތް ކަމަށާއި މަޖިލީހަކީ ރައްޔިތުން އެ މައްޗަށް ވަކިވަކިން ވޯޓުދޭ ބައެއް ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތް ހުޅުމާލެ ރައްޔިތުންގެ ގާތުގައި ބުނެދެވޭކަށް އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ ކެނޑިޑޭޓެއް މިތަނަށް ކުރިމައްޗެއް ނުލާނޭ އެހެންވީމާ މިރަށު ރައްޔިތުން ވޯޓު ދޭށޭ އަޅުގަނޑުމެންގެ ކެނޑިޑޭޓުން ނުވަތަ އެމްޑީޕީ ކެނޑިޑޭޓުން ނޫން އެހެން ބަޔަކަށް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް ވޯޓު ދިނުމަށް ހުރަސް އެޅުމަށް މަޖުބޫރު ކުރެވެން ނެތް ކަމަށެވެ.