ގައުމެއް ކުރިއަރާނީ ތައުލީމީ ޖީލެއް ބިނާ ކުރެވިގެން ކަމަށާއި، ތައުލީމީ ދާއިރާ ކުރިއަރުވަން ޚާއްސަ އިސްކަމެއްދީގެން މިސަރުކާރުން މަސައްކަތްތައް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ކެންޕޭން ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވާ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރަކީ ވައުދުވާ ބައެއް ކަމަށާއި، އަދި އެވައުދު ފުއްދަން ވެސް އެނގޭ ބައެއް ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ތިން ހަތަރު މަސްދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ތައުލީމީ ދާއިރާއާ، ވިޔަފާރި ދާއިރާގެ އިތުރުން ބޯހިޔާވަހިކަމުގެ ދާއިރާއާ ބެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
''ތައުލީމީ ދާއިރާއަށް ބަލާއިރު ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިވަނީ ފަށާފަ. މިއަންނަ ޓާމް ފެށޭއިރުގަ މުޅި ރާއްޖޭގައި ހުރި ހުރިހާ ސްކޫލެއްގަ ކިޔަވާ ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ސަރުކާރުން ހިލޭ ނާސްތާ ފޯރުކޮށްދެވޭނެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގިނަ ޒުވާނުންނަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު 242 ލޯނުގެ ފުރުސަތު ވެސް ދަރިވަރުންނަށްޓަކައި ހުޅުވާލާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އަތުން އިތުރު ހަރަދެއްނުކޮށް ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ ކަމަށާއި، ރާއްޖޭން ބޭރަށް ކިޔަވަންދާން ބޭނުންވާ ކުދިންނަށް ދޭ ލޯނު އިންޓްރަސްޓް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ލޯނު ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް ދިގުކޮށް މަހަކު ދައްކަންޖެހޭ އަދަދު މިހާރު ވަނީ ކުޑަކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.