ގދ. ވާދޫގެ ދަނޑުތަކާއި ގަސްތަކުގައި އާދަޔާ ހިލާފަށް ''ފިނިހަކަ'' އާލާވަމުންދާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފިއެވެ.
ރައީސް ސޯލިހުގެ ސަމާލުކަމަށް މިކަން ގެނައީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ އެރަށް ދިމާވެފައިވާ މައްސަލަތައް ފާހަގޮށް، ހައްލުކުރުމާ ބެހޭ ގޮތުން ފުޅާދައިރާގައި ވަނީ މަޝްވަރާކޮށްފައެވެ.
އެގޮތުން ފިނިހަކަ ގިނަވުމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ކުނި މެނޭޖްކުރުމުގެ މައްސަލައާއި، ރަށުގައި ފެންބޮޑުވާ މައްސަލަ ހިމެނެއެވެ.
ވާދޫގައި ފިނިހަކަ އާލާވާތީ އެނައްތުލުމަށް އެރަށުގެ ރައްޔިތުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް އެކޮންޓްރޯލްނުވެ، ދަނޑުތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
މީގެ އިތުރުން ރަށު ސްކޫލް އިތުރަށް ތަރައްގީކުރުމާ ބެހޭގޮތުންނާއި ވާދޫގައި ހިމެނޭ އާސާރީ ތަންތަން ހިމާޔަތްކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ތަރައްޤީގެ އެކިއެކި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.