އިންޓަނެޓް ޚިދުމަތުގެ އަގުހެޔޮކުރުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އިންޓަނެޓްގެ އަގުހެޔޮކުރުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ދިރާގުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންނަ ހަފުތާގައި އުރީދޫއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓް ޚިދުމަތުގެ އަގުހެޔޮކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެހެން ގައުމުތަކުގައި އިންޓަނެޓުގެ ޚިދުމަތް ދެމުންދާ އަގުތަކާ ބެހޭ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ހެދި މިދިރާސާގައި 25 ގައުމެއްގެ އަގުތައް ދިރާސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އެ ދިރާސާއަށް ރިއާޔަތްކޮށް ރާއްޖޭގައި އިންޓަނެޓުގެ އަގުހެޔޮކުރުމަށް މަސައްކަތް ކުރަމުންދާއިރު ވަރަށް އަވަހަށް ގޮތެއް ނިމޭނެ ކަަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގައި އިންޓަނެޓު ޚިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ ނިސްބަތުން މުވާސަލާތީ ޚިދުމަތްތަކުގެ އަގު ބޮޑު ގައުމެކެވެ. އެގޮތުން ފޯނާއި އިންޓަނެޓުގެ ޚިދުމަތަށް ބަލާއިރު ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ރާއްޖޭގައި އެޚިދުމަތްތަކުގެ އަގު މާބޮޑަށް ވެސް ބޮޑުކަން ފާހަގަކޮށް، "ނެޓުހެޔޮކުރޭ" މިނަމުގައި ސޯޝަލް މީޑިއާގައި ޒުވާނުން ވަނީ ކެމްޕޭނެއް ވެސް ފަށާފައެވެ.