Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 18:17
މިދިޔަ އަހަރު މަރާލި އިބްރާހިމް އާގިލް
މިދިޔަ އަހަރު މަރާލި އިބްރާހިމް އާގިލް
ފޭސްބުކް
ސިލްސިލާ ގޭންގް މާރާމާރީތައް
އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
ދެ މީހުުން ވެސް މަރާލީ ބަދަލު ހިފުމުގެ ގޮތުން
ދެ މައްސަަލައިިގެ ތަހުގީގު ނިމި ދައުވާކުރަން ވަނީ ފޮނުވާފައި

މިދިޔަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް އާއި ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފް މަރާލީ ގޭންގް މާރާމާރީތަކުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ހޮމިސައިޑް ޔުނިޓްގެ އިސްވެރިޔާ މުހައްމަދު ސާމީ ވިދާޅުވީ، އެ ދެ މީހުންނަށް ވެސް ހަމަލާދިނީ އެ ދުވަސްވަރު މާލެ ތެރޭގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އިބްރާހިމް އާގިލް (19އ) މަރާލި މައްސަލައާ ގުޅޭ ގޮތުން ސާމީ ވިދާޅުވީ އާގިލް މަރާލީ 2018 އޮގަސްޓް 31 ވަނަ ދުވަހު ވ. ފުލިދޫ އަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު މާލެއަށް ފޭބި ވަގުތު ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކުރިމަތިން އޮންނަ ތޮށިގަނޑު މަތިން ތޫނު އެއްޗަކުން ހަމަލާދީ ކަމަށެވެ. އާގިލް މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަން ސާމީ ފާހަގަކުރެއްވިއެވެ.

ސާމީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މީހާ ތަނަށް ތިން މީހަކު ހައްޔަރު ކުރެވި އެ ހުރިހާ އެއްމެންގެ މައްޗަށް ވެސް މިހާރު ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންނަކީ ސ. ހިތަދޫ ސުވޭބުހީނާގެ، އަލީ މިޖްވާދް މާލިކް އިބްރާހިމް (19އ)، ލ.ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު (19އ) އަދި ހއ. ދިއްދޫ ސްނޯބާޑް އިބްރާހިމް ވިޝާންއެވެ.

މީގެ އިތުރުން 2018 އޮކްޓޫބަރު 11ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްމާއިލް ޝައްފާހު ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރި މަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ސާމީ ވިދާޅުވިއެވެ. ޝައްފާހުއަށް ހަމަލާދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެ ސަރަހައްދަށް ދިޔަ ކަމަށާއި، އަދި ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ސާމީ ވިދާޅުވިއެވެ. އޭނާގެ ގައިގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައްފާހު މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކުރެވި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރާ ހަތަރު މީހުންނަކީ ސ. ހިތަދޫ މަލަ މުހައްމަދު އައިމަން ހަބީބް (27އ)، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް (19އ) ސ. ހިތަދޫ ޗަމަން ހުސައިން ނިހާދް އަހްމަދު (27އ) އަދި ކ. މާލެ ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމް (19އ) އެވެ. މި ހުރިހާ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މި އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި، ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 މާރޗް 2019 | ބުރާސްފަތި 18:57
ޤައުމުގެ
ޤައުމުގެ ވަހުދަތު ތިދައްކުވާދެނީ؟