Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 16:42
ހާދިސާ ހިނގި ވަގުތުގެ މަންޒަރު
ހާދިސާ ހިނގި ވަގުތުގެ މަންޒަރު
ސޯޝަލް މީޑިއާ
ޖިއާންގެ މަރުގެ މައްސަލަ
ޖިއާންގެ މަރުގެ މައްސަލަ: ދައުވާ ލިބޭ ހަ މީހުންގެ ތެރެއިން ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެ
ދެ ދިވެހިންނާއި، އިންޑިއާ ރައްޔިތަކު ވަނީ ދައުވާއަށް އިންކާރުކޮށްފައި

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވި އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެއެވެ. 

ޖިއާންއަކީ ބަންގްލަދޭޝަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މާލޭގައި އިމާރާތް ކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި މައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ. މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައި ވަނީ، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ (ނ) ގެ ދަށުންނެވެ. އަދި މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކުށަށް އިއުތިރާފްވެފައި ވަނީ ދައުވާ ލިބޭ އިންޑިއާގެ ހަތަރު މީހުންގެ ތެރެއިން ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗަައުހަން އެވެ.

އޭގެ ތެރެއިން ރައްޖާވް އަލީ އާއި މުުތުމަނި ރަމަޗަންދުރަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި ކެޝަރިލަލް ޗަައުހަން މައްޗަށް ދައުވާކޮށްފައި ވަނީ ނުރައްކަލެއްގައިވާ މީހާއަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން ރައްޖާވް އަލީއަކީ ސިމެންތި ބަސްތާ ވެއްޓުނުއިރު، ވިންޗު އޮޕަރޭޓްކުރަން ހުރި މީހާއެވެ. ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ރައްޖާވް ބުނީ، އެ ހާދިސާ ހިނގި ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.

ކުށަށް އިއުތިރާފްވެ ވާހަކަ ދައްކަމުން މުތުމަނި ރަމަޗަންދުރަން ބުނީ ހާދިސާ ހިނގި ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. ރަމަޗަންދުރަންއަކީ ސިމެންތި ބަސްތާ މައްޗަށް ނެގުމަށް އެންގި މީހާ އެވެ. މުތުމަނި ރަމަޗަންދުރަންއަކީ ސިމެންތި ބަސްތާ މައްޗަށް ނެގުމަށް އެންގި މީހާއެވެ. 

ތިން ވަނަ މީހަކަށް ކެޝަރިލަލް ޗަައުހަން ކުށަށް އިއުތިރާފެވަ ވާހަކަ ދައްކަމުން ވެސް ބުނީ، އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. ކެޝަރިލަލް ޗައުހަރީއަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް އެރުވިއިރު، ތިރީގައި ހަރަކާތްތެރިވި ދެ މީހުންގެ ތެރެއިން އެކަކެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ތިން ބިދޭސީން ވެސް ކުށަށް އިއުތިރާފްވުމުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ ތިން މީހުންގެ މައްޗަށް އަންނަ އަންގާރަ ދުވަހު ހުކުމް ކުރާނެ ކަމަށެވެ. 

އިންޑިއާ ތިން ރައްޔިތަކު ކުށަށް އިއުތިރާފްވިނަމަވެސް، ދައުވާ ލިބޭ ހަތަވަރު ވަނަ އިންޑިއާ މީހާ އާއި ދެ ދިވެހިން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ދެ ދިވެހިން ވަނީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ބޭނުންވާ ކަމަށް ބުނެފައެވެ. އެއީ މާލޭ ދަފުތަރު 8424 މޫސާ ހަސަން އާއި، މަލޭ ދަފްތަރު 7198 އާދަމް ޝަފީގް އެވެ. މި ދެ މީހުންގެ މައްޗަށް އުފުލީ، މީހަކު މަރުވެ ދިިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މޫސާ ހަސަންއަކީ ޑަބްލިއު ކޮންސްޓަކްޝަން ކުންފުނީގެ ސީނިއަރ ސައިޓް ސުޕަވައިޒަރެކެވެ. އަދި އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެ ތިން މީހުން ދައުވާއަށް އިންކާރުކުރުމުން، ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ގުލާމްއާ ދެކޮޅަށް 24 ހެކި ހުށަހެޅިއިރު، ދެ ދިވެހިންނާ ދެކޮޅަށް 31 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް