ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅައިގެންނާއި ވަޒީފަ އިން ވަކިކޮށްގެން 800 ޝަކުވާ ހުށައަޅާފައިވާ ކަމަށް ޕްރެޒިޑެންޓަލް އެކްޝަން ކޮމިޓީން ބުނެފިއެވެ.
ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޒުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމުގެ ފުރުސަަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.
އެ ޝަކުވާތައް ދިރާސާކޮށް ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ، ވަޒީފާ އިން ވަކިކުރި 800 ފަރާތްތަކުން ޝަކުވާ ހުށައަޅާފައިވާ ކަަމަށެވެ. އެގޮތުން އެންމެ ގިނަ އިން ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށައަޅަފައި ވަނީ ފެނަކަ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކެެވެ.
ފެނަކައިން ވަޒީފާ އިން ވަކިކޮށްގެން 125 ޝަކުވާ ހުށައަޅާފައިވާއިރު ޕޯޓްސް ލިމިޓެޑްގެ ވަޒީފާ އިން ވަކިކޮށްގެން 55 ޝަކުވާ ހުށައަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޝަކުވާތަކުތެ ތެރެއިން ފެނަކައާ ބެހޭ ގޮތުން ހުށައެޅިފައިވާ 94 ޝަކުވާ އާއި ޕޯޓްސްގެ 38 ޝަކުވާއަކީ ސިޔާސީ ސަބަބުތައް އެކުލެވިގެންވާ ޝަކުވާ ކަމަށް ފާހަގަވެފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.
އެ ރިޕޯޓްގައިވާ ގޮތުން، މޯލްޑިވިސް ޕޮލިސް ސަރވިސް އިން ވަޒީފާ އިން ވަކިކޮށްގެން 43 ޝަކުވާ ހުށައަޅާފައިވާއިރު ސިފައިންގެ ވަޒީފާއިން ވަކިކޮށްގެން 42 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.
މި ޝަކުވާތަކުގެ ތެރެއިން ސިޔާސީ ސަބަބުތަކަށްޓަކައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި 35 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާއިރު ސިފައިންގެ ވަޒީފާތަކުން ވަކިކުރުމާ ގުޅިގެން 28 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޕްރެޒިޑެންޓަލް އެކްޝަން ކޮމިޓީން ބުނެއެވެ.
އެ ރިޕޯޓްގައިވާ ގޮތުން، ހުށަހަޅާފައިވާ 169 ޝަކުވާއަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ޝަކުވާތައް ހުށައަޅަން ޖެހޭ މުއައްސަސާތަކަށް ވަނީ ހުށަހަޅާފައެވެ.
ސިޔުާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ވަޒީފާއާ ބެހޭ ޓްރިބިއުނަލްއަށާއި ޝަރުއީ ކޯޓުތަކަށް މައްސަލަ ހުށަހަޅައި ހައްލެއް ލިބިފައި ނުވާ 47 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.
ރިޕޯޓްގައިވާ ގޮތުން މިހާތަނަށް ބެލިބެލުމުން 104 ފަރާތްތަކަށް އަނބުރާ ވަޒީފާ ދޭން ޖެހެއެވެ.
ޝަކުވާތަކަށް ބަލާއިރު ކުރީ ސަރުކާރުގައި ކައުންސިލްތަކުގެ މުވައްޒަފުންނާއި ކައުންސިލަރުންނަށް ފިޔަވަޅު އަޅައިގެން 61 ޝަކުވާއެއް ހުށަހަޅާފައި ވެއެވެ.