ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހުޅއްވައި ދެއްވައިފިއެވެ.
އެއްއަހަރާއި ހަމަސް ހޭދަކޮށްގެން އިމާރާތްކުރި ކުޅުދުއްފުށީ ލޯކަލް މާރުކޭޓު ހެދުމަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ވެފައެވެ.
ކުޅުދުއްދުއްފުށީ މާރުކޭޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ އެ ތަނަކީ އުއްމީދުތަކެއްގެ ތެރެއިން ޕްލޭންތަކެއް ހެދިގެން، އެކަމަށް ފަންޑް ހޯދިގެން އަމަލީ ގޮތުން މަސައްކަތްފެށިގެން މާރުކޭޓްގެ މަސައްކަތް ނިމުމާ ހަމައަށްދިޔަރޭ ކަމަށެވެ. އަދި އުއްމީދުކުރާ އެތައް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި، އެ ތަން ހުޅުވުން އެއީ ކުޅުދުއްފުށީ ރައްޔިތުން ކުރިން އުއްމީދުކުރެވެމުން އައިކަމެއް ގެ ނިމުން އައުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއްކަމަކަށްފަހު އަނެއްކަމަކަށް ދަތުރުކުރަންޖެހޭކަމަށާއި، މާރުކޭޓްގެ މަސައްކަތް ނިންމުމަށް ފަހު މިއަންނަ އަހަރު އާ އެހެން މަޝްރޫއެއް ފެށެންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ، އުއްމީދުކުރަނީ ކުރިން ވެސް ހާއްސަކޮށް ކުޅުދުއްފުށްޓާ މިސަރަހައްދުގެ މައި އިގްތިސާދީ ހަބެއްގެ ގޮތުގައި މިރަށުގައި މިމަސައްތައް ކުރެވެމުންދިޔަ ފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި ހާއްސަކޮށް ސިޓީއަކަށް ބަދަލުވެގެންދާއިރު އިރާދަކުރެއްވިއްޔާ މިރަށުގައި އިގްތިސާދީ އިތުރު މަސައްކަތްތައް ފެށިގެން ދިއުން. އޭގެ ނަތީޖާއަކަށްވާނީ، ރަށަށް ސަރަހައްދަށް މުޅިގައުމުގެ ތަރައްގީގައި ބޮޑުބައިވެރިވުން ހިއްސާވާންފެށުން. ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ ސަރުކާރު ކުރިއަށް ގެންދިއުމުގައި ފަސޭހަ ވެގެންދާނީ ރައްޔިތުންގެ އެއްބާރުލުން ލިބުމުން ކަމަށެވެ.