ހިއުމަން ޕެޕިލޯމާ ވައިރަސް ( އެޗް.ޕީ.ވީ) ވެކްސިން ރާއްޖެެ އަށް ތައާރަފް ކޮށްފިއެވެ.
އެޗްޕީވީ އަކީ ތަފާތު ބާވަތްތަކުގެ ކެންސަރު ޖައްސާ ވައިރަސް އެކެވެ. އޭގެ ތެރޭގައި އަނގައިގެ ކެންސަރާއި، ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުތައް ހިމެނެއެވެ.
އުމުރުން 9 އަހަރާއި 13 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ތަޢާރަފުކުރުމަކީ މިސަރުކާރުގެ 100 ދުވަހުގެ ތެރޭ ހިމެނޭ ވައުދެކެވެ.
ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލުގައި ވެކްސިން ތައާރަފް ކުރުމަށް ބޭއްވި ހަފްލާ އިފްތިތާހް ކޮށްދެއްވީ މިނިސްޓަރު އޮފް ހެރިޓޭޗް، އާޓްސް އެންޑް ކަލްޗާރ ޔުމްނާ މައުމޫންއެވެ.
އެޗްޕީވީ ވެކްސިން އެންމެ ފުރަތަމަ ދޭން ހަމަޖެހިފައިވަނީ އުމުރުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށެވެ. އެއަށް ފަހު ގައުމީ ވެކްސިން ތާވަލުގައި ހިމަނިގެން އުމުރުން 10 އަހަރުވާ އަންހެން ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން މައުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި އަލަށް ވެކްސިން ޖަހާފައިވާ ތިން ކުއްޖަކަށް ވަނީ އެކަމުގެ ހަނދާނީ ލިޔުން ދީފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޑަބްލިއު އެޗްއޯ އިން މި ސަރަހައްދަށް ކަނޑައަޅަފައިވާ ރިޕްރެޒެންޓޭޓިވް ޑރ. އަރްވިން މާތުރް ވިދާޅުވީ، އެޗްޕީ ވައިރަސް އަކީ ވަރަށް ނުރައްކާތެރި ވައިރެސް އެއް ކަމަށާއި މި ވައިރަސް ކެންސަރަށް ބަދަލުވެ ސަބަބުން ބައި މިލިއަނެއްހާ އަންހެނުން ކޮންމެ އަހަރަކު މަރުވާ ކަމަށެވެ. އަދި ކެންސަރުގެ ސަބަބުން ކޮންމެ ދެ މިނިޓަކު އަންހެނަކު މަރުވާ ކަމަށެވެ. އެގޮތުން ކެންސަރުގެ ވަބާއިން ކުރިޔަށް އޮތް ދަރިފަސްކޮޅު ސަލާމަތް ކުރުމަށް ރާއްޖެއިން ފަށާފައިވާ މި ޕްރޮގްރާމް، ސަރުކާރުގެ ވައުދުތަކުގެ ތެރޭ ހިމެނިފައިވާ ކަމަށްޓަަަކައި ޑރ. އަރްވިންދް ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކޮށްފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، މި ވެކްސިނަކީ ޅަދަރިންނާއި ޒުވާނުން ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުން ވެކްސިން އެއް ކަަމަށާއި، ހާސިލްވެގެން މިދިޔައީ ކޮންމެހެން ހާސިލް ކުރަންވެފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ، ސިއްހަތު ރައްކާތެރި ކުރެވެން އޮތް އެންމެ މުހިއްމު ކަމަަކީ ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް ގެން ގުޅުން ކަމަށެވެ.
''ރަނގަޅު ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ބަރާ ބަރަށް ނިދުމާއި މިކަން ކަމުން އަޅުގަނޑުމެންގެ ހަށިގަނޑު ރައްކާތެެރި ކުރަންވީ. އާދެ، ބަލިތަކަށް ބޭސް ކެއުމުގެ ބަދަލުގައި އަޅުގަނޑުމެން ފުރަތަމަ ވިސްނަންވީ، އަޅުގަނޑުމެންގެ އަމިއްލަ ހަށިގަނޑު ރައްކާތެރި ކުރުމަށް. އަޅުގަނޑުމެންގެ ޅަ ދަރިންނަށް ވިސްނައިދޭންވީ އެކުދިންގެ އަމިއްލަ ހަށިގަނޑަށް ރައްކާތެރިވެ ދިރިއުޅުމުގެ ވައްޓަފާޅި އެގޮތަށް ބައްޓަން ކުރުމަށް'' ޔުމްނާ ވިދާޅުވިއެވެ.
ގިނަ ބަލިތައް ޖެހެން މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކަމަށް ޔުމްނާ ވަނީ ފާހަގަ ކޮށްފައެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެޗްޕީވީ ވެކްސިން އަކީ ސިއްހީ ހިދުމަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި، ރާއްޖެއިން ކެންސަރާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެންމެ މުހިއްމު ފިޔަވަޅަކީ އެޗްޕީ ވެކްސިން ތައާރަފް ކުރުން ކަމަށެވެ. މިކަމަކީ އެމިނިސްޓްރީގެ ވައުދަކަށް ވާއިރު ދެން ފުއްދަން ހުރި އިތުރު ވައުދުތައް ފުއްދުމުގެ މަސައްކަތް ވެސް ވަަރަށް ހަލުވިމިނުގައި ކުރިޔަށްދާ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކޮށްފައެވެ.
މި ވެކްސިންއާ އެކު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކެންސަރުން ސަލާމަތްވެފައިވާ ބަޔަކަށްވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އަމީން ވިދާޅުވިއެވެ.
''ވެކްސިން ޕްރޮގްރާމްގައި ބައިވެރިވުމަކީ ސިއްހީ އަދި ދީނީ ގޮތުން ބަލާއިރު، އަދި އާއްމު އިޖްތިމާއި ހަމަތަކުން ބަލާއިރު ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެހެންވީމަ މިއަދު އަޅުގަނޑުމެން މިވެކްސިން ތައާރފްކޮށް މިކުރެވޭ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އާބަދީ ދުޅަހެޔޮވުމަށާއި، ކެންސަރުން ދުރުވެފައިވާ އާބާދީއެއް ގޮތުގައި ދިވެހި އާބާދީ ހެދުމަށްޓަކައި ކުރެވޭ މަސައްކަތައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.'' ހެލްތް މިނިސްޓަރު ވިދާޅުވިއެވެ
ވެކްސިން ކެމްޕޭނުގައި ޖަހާނީ ' ސަރވަރިކްސް' ބްރޭންޑުގެ އެޗްޕީވީ ވެކްސިނެވެ. ވެކްސިންގެ ސަބަބުން މައިގަނޑު ދެވައްތަރު ކަމަށްވާ 16 އަދި 18 އިން ރައްކާތެރިކަން ލިބިދެއެވެ. ވެކްސިން ޖަހާނީ ކޮނޑަށެވެ.
އެޗްޕީއޭ އިން ބުނީ، މި ވެކްސިން ދުނިޔޭގެ 84 ގައުމެއްގައި ދޭން ފަށާފައިވާ ކަމަށާއި، 80 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވެކްސިލް ޖަހާފައިވާއިރު މިއީ ރައްކާތެރި ވެކްސިން އެއް ކަމަށް ތަފާތު ހިސާބުތަކުން ދައްކާ ކަމަށެވެ.