ހދ.އަތޮޅު ސްޓޭޓް ހައުސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ބުރާސްފަތިދުވަހުގެ ރޭ ހުޅުއްވައިދެއްވައިފިއެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ހައުސް ހުޅުވީ މަރާމާތަށް ފަހު ބަދަލުތަކެއް ގެނެސްގެންނެވެ.
ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާފައިވަނީ 88 ދުވަހުންނެވެ.
ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކުޅުދުއްފުށީގައި، މިފަދަ މުހިއްމު މުއައްސަސާއެއް ހުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށެވެ. މިފަދަ މަސައްކަތްތައް ކުރެވިގެންދަނީ ރައްޔިތުންނާ ވިޔަފާރިވެރިންނާ، ސަރުކާރުގެ މުއައްސަސާތައް ގުޅިލާމެހިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވާ ތަފާތުވުމަކީ މުޅިޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމަކަށް ހަދައިގެންނުވާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިފަދަ ތަންތަން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންގެ ކިބައިން އެދެނީ މިތަންތަން ކުރިއަރުވާ ތަރައްޤީކުރުމަށްޓަކާ، އަޅުގަނޑުމެންގެ އާ ވިސްނުންތައް ގެނެސް އާހިޔާލުތަކާއެކުގައި މަސައްކަތްތައް ފެށި، ކައުންސިލާ ސަރުކާރުގެ އެއްބާރުލުން ލިބިގެން އިރާދަކުރެއްވިއްޔާ އެހެން ހަރުފަތަކަށް މިތަނުގެ ޚިދުމަތްވެސް ގެންދިއުން. އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް." މިނިސްޓަރ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އަތޮޅުގެތައް ހިންގުމުގެ ބޭނުމަށްޓަކައި ދައުލަތުގެ ފަރާތުން ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ދައުލަތުގެ ފަރާތުން ހޯދާފައިވާ ވަޞީލަތްތަކާއި، ރަށްރަށުގެ ހިންގުމުގެ ބޭނުމަށްޓަކައި ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ވަޞީލަތްތައް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.