ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުން ކުރަނީ ޖެއްސުން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ތިއްބެވީ އެންމެ 18 މެންބަރުން ކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރު ހިންގުމަށް ޖުމްހޫރީ ޕާޓީ މެންބަރުން އިސްވެ ތިބެ ކުރަނީ ޖެއްސުން ކަމަށެވެ.
މުސްތަފާ ވިދާޅުވީ ރައީސް ސޯލިހުގެ މިވެރިކަން ހިންގުމަށް މިހާރު ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ދުވަސް ގަނޑަކުން އަސްލު އުދަނގުލުގެ ކުލަ ފެންނާނެ ކަމަށެވެ.
މެންބަރު މުސްތަފާ ވިދާޅުވީ ސަމާލުވެ ނުތިބިއްޖެނަމަ ވޭތުވެދިޔަ ތަނުގައި ކުރަން ޖެހުނު ތަޖުރިބާ ކުރަންޖެހޭނެ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއް އަންނައިރަށް، މިވެރިކަން ބަލިކަށިކުރުމަށް ގިނަ މަސައްކަތްތައް ޖޭޕީން ކުރާ ކަމަށެވެ.
ސަރުކާރު ވައްޓާލާ ސަރުކާރު ފައިދަށުލުމަށް މިހާރު ވެސް ގިނަ ރޭވުންތައް ރާވަމުން އަންނަކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ ޖޭޕީއާއެކު ސަރުކާރު ކުރިއަށް ގެންދިއުމަށް ވިސްނުމަކީ ގޯހެއް ކަމަށެވެ. އަދި ސަރުކާރުން ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް މެންބަރު މުސްތަފާ ވިދާޅުވިއެވެ.
"ފުރުސަތު ދިނަސް ނުދިނަސް ކުރާނެ. މިމީހުން ކުރަން ބޭނުންވެއްޖެއްޔާ ކުރާނެއްނުންތޯ. އަޅުގަނޑުމެން ތިބީ 18 މެންބަރުންނޭ. 87 މެންބަރުން ތިބޭ މަޖިލީހުގަ. 18 މެންބަރުންނަށް ކޮންކަމެއްތޯ ކުރެވޭނީ. އަގުލަބިއްޔަތުން ކަންކަން ނިމޭތަނެއް މަޖިލީހަކީ."މެންބަރު މުސްތަފާ ވިދާޅުވިއެވެ.
މެންބަރު މުސްތަފާ ވިދާޅުވީ ޖޮއެންޓް ޕާލިމެންޓްރީ ގުރޫޕް ކިޔައިގެން އުޅުނު ނަމަވެސް ޖޭޕީން ކުރަނީ ޖެއްސުން ކަމަށާއި، ސަރުކާރުން މިއަދާ ހަމައަށް ފާސްކުރަން ބޭނުންވި އެއްވެސް ބިލަކަށް އެބޭފުޅުން އެއްބާރުލުން ނުދޭ ކަމަށާއި، ކުރަނީ ޖެއްސުން ކަމަށެވެ. އަދި އަބްދުﷲ ރިޔާޒަކީ މިމަސައްކަތުގެ އަޑީގަ އެންމެ އިސްރޯލު ކުޅުއްވާ ބޭފުޅާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން މެންބަރު މުސްތަފާ ވިދާޅުވީ ރައީސް އޮފީހުގަ ވެސް ގިނައިން ތިއްބެވީ ޖޭޕީގެ ބޭފުޅުން ކަމަށާއި، މިއީ ވެސް ސަރުކާރުގެ ބުރަ ބޮޑުކުރަމަށް ކުރާ މަސައްކަތެއް ކަމަށެވެ. ޖޭޕީގެ މެންބަރަކަށް ވަޒީފާ ސަރުކާރުން ހަމަޖައްސައިދޭން ޖެހޭއިރު، ގަވާއިދާ އުސޫލު އެބޭފުޅުންނަށް ނުފެންނަ ކަމަށް މެންބަރު މުސްތަފާ ވިދާޅުވިއެވެ.