ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތަކުގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެއާރކޯން ހަރުކުރަނީ އެސްކޫލްގެ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށެވެ. އަދި ކުރިއަށްއޮތް މަހެއްހާދުވަސްތެރޭ މިސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ އެސްޓީއޯއާ ގުޅިގެން ކުރިއަށް އޮތް ހަފްތާ ތެރޭގައި އޭސީތައް އިންސްޓޯލް ކުރެވިގެންދާނެ ކަމަށާއި، ހަރަދު ކުރަނީ މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ.
އެސްކޫލުގެ ޕީޓީއޭ ބޯޑުގެ މެންބަރެއް ބުނީ ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔުމަށް ބުރޫ އަރާފައިވާ ކަމަށެވެ. ބެލެނިވެރިން ކަންބޮޑުވުންފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކޮށް އެމީހާ ބުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ނަމަވެސް ހައްލު ނުލިބޭ ކަމަށެވެ.