ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެ ކުރަން އުޅުނު 111 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނީ ، މި މަހުގެ 10 ވަަނަ ދުވަހު ބޭރުން އައި ޕާރުސަލުތައް ބަލާ ފާސްކުރުމުގެ ތެރެއިން 111 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ކަސްޓަމްސް އިން ބުނީ އެ ޕާރުސަލު ތަކުގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓެސީއެވެ.
މި ތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ ހަތަރު ގައުމަކުންނެވެ. އެއީ ޖަރުމަންވިލާތް، ފަރަންސޭސި ވިލާތް، ނެދަރލޭންޑްސްގެ އިތުރުން އިނގިރޭސި ވިލާތުންނެވެ.
މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވީސްއާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.