އެފްރިކާގެ ތިން ގައުމަކަށް އެރި، ތޫފާން "އިޑާއީ"ގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް ގެއްލުންތަކެއް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ތިން ޤައުމުގެ ރައީސުންނަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.
ބުރާސްފަތި ދުވަހު މޮޒަމްބީކް އާއި އަވަށްޓެރި މަލާވީ އަދި ޒިމްބާބްވޭއަށް މި ތޫފާނުގެ އަސަރުކޮށްފައިވާ އިރު، މިހާތަނަށް 150 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް އދ.އިން ވަނީ ރިޕޯޓްކޮށްފައެވެ. ތޫފާނު އިޑާއީގެ އަސަރު 1.5 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް ވެސް އދ.އިން ވަނީ އަންދާޒާ ކޮށްފައެވެ.
ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި އެމަނިކުފާނު ވަނީ އެ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި އެ ގައުމު ތަކުގެ ރައްޔިތުން ދެއްކެވި ކެއްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ. އަދި މި ތިން ޤައުމަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސް ސޯލިހުގެ އަމިއްލަ ނަންފުޅުގައި، އެ ތިން ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ވަނީ ފޮނުއްވާފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
ތޫފާންގެ ބާރު ގަދަވެ ކެޓަގަރީ ތިނަކަށް އަރުވާފައިވާއިރު، މި ތޫފާންގައި ގަޑިއަކު 190 މޭލު ބާރުމިނުގައި ވައިޖެހެމުންދާއިރު، ބޯކޮށް ވާރޭވެހި ބިންގަޑު ކަނޑައިގެން ގޮސް ބައެއް ކޯރުތައް ވަނީ ބަންޑުންވާން ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޯކޮށް ވާރޭވެހި މޫސް ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ތޫފާނުގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އެފްރިކާގެ ގައުމުރަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.