ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުންފުނީގެ ތިޖޫރީން 380،000ރ. ގެއްލުނު ކަމަށާއި އެ މައްސަލައިގައި ކުންފުނީގެ މުއައްޒަފަކު ވަކިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކަ ކޯޕަރޭޝަން ހާޒިރުކުރުމުން އެ ކޮމެޓީގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ކުންފުނީގެ ތެރޭގައި ހިޔާނާތާއި އޮޅުވާލުމުގެ ބޮޑެތި ކަންކަން ހިންގާފައިވާ ކަމަށާއި 380،000ރ. ތިޖޫރީ އިން ގެއްލިގެން ތަހުގީގު ކުރުމަށް ފަހު މީހަކު ވަކިކޮށްފައިވާ ކަމަށެވެ.
ރަށްރަށުގެ އިންޖީނުގެއަށް ފޮނުވާ ތެޔޮ ގެއްލިފައި ވެސް ހުރި ކަމަށާއި އޭގެ ތެރޭގައި "ލައްކައިން ލައްކައިން ތެޔޮ މަދު ވެފައިވާ" ކަމަށެވެ. އަދި ރަށެއްގެ ހުރިހާ ކަރަންޓް ބިލެއް އެންމެ ތިން މުއައްޒަފުން ވެގެން ބަދަލުކޮށްފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އެ މީހުން ކުންފުނީގައި ބަހައްޓައިފި ނަމަަ ފެނަކައިގެ ވެރިން ވެސް ކުށްވެރިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ތެރެއިން މުއައްޒަފުން ގެންގުޅެފިއްޔާ އަޅުގަނޑުމެންނާއި ދޭތެރޭ ވެސް ފިޔަވަޅު އެޅިދާނެ މީހުން ކަމަށް އަޅުގަނޑު ދެކެނީ އިނގޭތޯ، ވަކި ވަކި މީހުންގެ ނަންތައް މިތާ ހާމަކުރުން ރަނގަޅެއް ނުވާނެ އެހެން ނަމަވެސް ވަކިން އަޅުގަނޑުމެން މައުލޫމާތު ދީފާނަން،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ފެނަކައިގެ ގިނަ މައްސަލަ ތަކެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ފެނަކައަށް ވަނީ 170 މުއައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވައްދާފައެވެ.މެނޭޖިން ޑިރެކްޓަރަކަށް ސައީދު ވަޑައިގެންނެވުމަށް ފަހު ފެނަކައިގެ ޚާއްސަ ތަހުގީގެއް ފަށާފައެވެ. މާލީ ގޮތުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން 14 ރީޖަނަލް އޮފީސްތައް ބަންދު ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އަހަރެއްގެ މައްޗައް 14 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.