އިނގުރައިދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އަހުމަދު (ހަސަންޓޭ) އަކީ ސަތޭކަ ޕަސެންޓަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގުރައިދޫއަށް ރައީސް ނަޝީދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހަސަންޓޭއަކީ ޕާޓީއަށް ތެދުވެރި ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީ އާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ އެންމެން އޭނާ އަށް ވޯޓު ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.
ރ. އަތޮޅުގެ ފަސް ގޮނޑި އެމްޑީޕީއަށް މުހިއްމު ކަމަށާއި ޚާއްސަކޮށް އިނގުރައިދޫ ދާއިރާގެ ގޮނޑި އެ ޕާޓީއަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.
" ވަރަށް ބޮޑަށް އެމްޑީޕީގެ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ ބޭފުޅުން ހަސަން އަހުމަދަށް ތާއީދު ކުރެއްވުމަށް އަޅުގަނޑު އެދެން. ޚާއްސަކޮށް އެމްޑީޕީގެ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ ޚާއްސަކޮށް އެމްޑީޕީގެ ނޫން މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން. އަޅުގަނޑު ކުރީ ދުވަހަކު ވެސް ފާހަގަ ކުރިން އެފަދަ ބޭފުޅުންނަކީ އަދާލަތު ޕާޓީގެ ބޭފުޅުންނޭ.އެއީ މި ޕާތީގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ބޭފުޅުން،" ނަޝީދު ވިދާޅުވިއެވެ.
އެޖެންޑާ19 ގެ ކަންތައްތައް ތަންފީޒު ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް އެމަކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒު ވާނީ އޭރުން ކަމަށް ވިދާޅުވިއެވެ.