ޝިޕިން ލައިންތަކުންނާއި ފްރައިޓް އެޖެންޓުންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ނުނެގުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ގޮވާލައިފިއެވެ.
ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ދައްކަން ކަމަށް ބުނެ ޝިޕިން ލައިންތަކުންނާއި ޕްރައިވެޓް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަތުން އެއްބަސް ކިޔައިގެން އެ ބަޔަކަށް ފެންނަ ވަރަކަށް ފައިސާ ނަގަމުން ދާކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އާންމުކޮށް ޝިޕިން ލައިންތަކުން ނަގާ ފީތަކަކީ ދާދި އެއްކަހަލަ ޓާރމްސްތަކެއްގެ މައްޗަށް ބިނާކޮށް އެއް މިންވަރަކަށް ނަގަމުންދާ ފީތަކެއްކަން ޔޫނިއަންގެ ބަޔާނުގައި ފާހަގަކޮށް އަދި ލޯކަލް ފީތަކުގެ ގޮތުގައި އެއްވެސް ފީއެއް ނެގޭނީ ލޯކަލް ޚިދުމަތެއް ފޯރުކޯށްދިނުމަށް ފަހު ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން ޝިޕިން ލައިންތަކުންނާއި ފްރައިޓް އެޖެންޓުންގެ އަތުން ނާޖާއިޒުގޮތުގައި ނަގާ ފައިސާއަކީ އެޕޯޓައް ދައްކާ ނުވަތަ ދަށްކަން ޖެހޭ ފައިސާއެއް ނޫން ކަމަށާއި އަދި އެޕޯޓްގެ އެއްވެސް ޚިދުމަތެއް ލަސްވުމުގެ ސަބަބުން ނުވަތަ އެއްވެސްފަރާތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ނަގަން ޖެހޭ ފައިސާއެއް ނޫންކަމަށް ބުނެފައިވާ ކަމަށްވެސް ޔޫނިއަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ނާޖާއިޒް ގޮތުގައި ނަގާ ފައިސާ ނެގުން ހުއްޓުވުމަކަށް ގެނޭވޭނީ ސަރުކަރާއި އަދި ކަމާބެހޭ ވުޒާރާތަކުން ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ މިފަދަ އަމަލްތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން ބާރުއަޅައި މަސައްކަތް ތަކެއް ކޮށްގެން ކަމަށް ޔޫނިއަންގެ ބަޔާނުގައި ބުނެފައި ވެއެވެ.