ފެން ވައިރުކުރުމުގެ ގައުމީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.
ބޯފެނަށް ކުރަންޖެހޭ ހަރަދާއި ޕްލާސްޓިކް ފުޅި މަދުކުކުރަން މި ސަރުކާރުން ވެފައިވާ ވައުދާ ބެހޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ހުސެން ވިދާޅުވީ އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެނަކަށް ވިޔަސް، ގޭގޭގައި ފެން ވައިރުކޮށްފައި ހުންނަ ގޮތުން ފެން ތަޣައްޔަރުވާ ކަމަށެވެ.
ކަރަންޓު ވައިރުކުރުމުގައި އަމަލުކުރަންޖެހޭ ގައުމީ މިންގަނޑު އޮންނަ ފަދައިން ފެން ވައިރުކުރުމުގައި ވެސް ގައުމީ މިންގަނޑެއް އޮންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ތަޣައްޔަރު ވެފައިވާ ފެން ބޭނުން ކުރުމުން ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވާތީ، ފެން ވައިރު ކުރުމުގައި ވަކި މިންގަނޑެއް ބެހެއްޓުން މުހިއްމު ކަމަށެވެ.
"ސިއްހީ ގޮތުން ނުރައްކާތެރިކަން ކުރިމަތިވޭ، އަޅުގަނޑުމެންގެ އަމަލުތައް ބައެއް ފަހަރު ހުންނަ ގޮތުން. ފެން ވައިރު ކުރުމަކީ ވެސް ވަކި ފެންވަރެއްގައި ކުރަންޖެހޭ ކަމަކަށް ވުމުން އަޅުގަނޑުމެން ޖެހޭ އެކަންތައް ވެސް ޔަގީންކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ފެނުގެ ކޮލިޓީ އަބަދުވެސް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި، ސަޕްލައި ފެނަކީ ސިއްޙީ އެއްވެސް މައްސަލައެއް ދިމާނުވާނެ ފެނެއްކަން ކަށަވަރުކޮށްދޭ ކަމަށެވެ.
"ސަޕްލައި ފެން ބުއިން އިތުރުކުރަން އެބަޖެހޭ. ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނަން،" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ފެނުގެ ކޮލިޓީ ބެލުމަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ސަޕްލައި ފެން އެކި ސަރަޙައްދުތަކުން ސާމްޕަލް ނަގައި ތަހްލީލުކޮށް، އެ ފެނުގައި ހުރި މާއްދާތައް ބަލައި ދެނެގަނެފައިވާ ކަމަށެވެ. އަދި އެ ފެނަކީ ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ވެސް ކޮލިޓީ ހިފަހައްޓައި، ބުއިމަށް ވެސް އެންމެ އެކަށީގެންވާ ކޮލިޓީގައި ފޯރުކޮށްދެމުންދާ ފެނެއް ކަން އެއޮތޯރިޓީން ކަށަވަރު ކޮށްދޭ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ތިން މަރުހަލާއަކުން ސާފުކޮށްފައިވާ ފެން ކަމަށާއި، އެ ފެނުގައި އެއްވެސް ޖަރާސީމެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެމްޑަބްލިޔުއެސްސީ އިން ވަނީ ކަށަވަރުކޮށްދިނެވެ.