ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 12:58
(ކ - ވ) ފެލިސިޓީ ހަފްމަން، ލޯރީ ލޮފްލިން
(ކ - ވ) ފެލިސިޓީ ހަފްމަން، ލޯރީ ލޮފްލިން
ގޫގުލް
އޮޕަރޭޝަން ވާސިޓީ ބްލޫސް
އޮޕަރޭޝަން ވާސިޓީ ބްލޫސް: ރިޝްވަތު ދީގެން ދަރިން ޔުނިވަސިޓީތަކަށް ވެއްދި މައްސަލަ!
މި މައްސަލަ ފުރަތަމަ ފެން މަތިވެފައިވަނީ ނިމިގެން ދިޔަ ހަފްތާގެ އަންގާރަ ދުވަހު

އެމެރިކާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، ނުވަތަ އެފްބީއައިއިން 'ވާސިޓީ ބްލޫސް'ގެ ނަމުގައި ވަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައެވެ. މަކަރު ހަދާ، ރިޝްވަތު ދީގެން ދަރިން އައިވީ ލީގް ޔުނިވަސިޓީތަކަށް ވެއްދުމުގެ ތުހުމަތުގައި 50 މީހެއް އަތުލައިގަނެފައިވާ އިރު، އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ދެ އާއިލާއެއް ވެސް ހިމެނެއެވެ.

އެގޮތުން، 90 ގެ އަހަރުތަކުގައި މަޝްހޫރުވި ސިޓްކޮމްއެއް، އަދި ދާދި ފަހުން ރިނިއު ކޮށްފައިވާ 'ފުލް ހައުސް' އިން އާންޓް ބެކީގެ ރޯލުން ފެންނަ ލޯރީ ލޮފްލިން އާއި 'ޑެސްޕަރޭޓް ހައުސްވައިވްސް' ގެ މައި ތަރިން ތެރޭގައި ހިމެނޭ ފެލިސިޓީ ހަފްމަން ވަނީ މި މައްސަލާގައި ހައްޔަރުކޮށް، އަދި ފަހުން ބޮންޑްގެ ދަށުން ދޫކޮށްފައެވެ. އަދި ލޯރީގެ ފިރިމީހާ، މަޝްހޫރު ފެޝަން ޑިޒައިނަރ މޮސީމޯ ޖިއަނޫލީ ވެސް މި މައްސަލާގައި ހައްޔަރު ކުރެވުނު އިރު، ފެލިސިޓީގެ ފިރިމީހާ، ފިލްމީ ތަރި ވިލިއަމް އެޗް މޭސީ ހައްޔަރު ކޮށްފައެއް ނުވެއެވެ.

ރިޝްވަތު ދީގެން ދަރިން ޔުނިވަރސިޓީތަކަށް ވެއްދުމުގެ ތުހުމަތުގައި ދެން ވެސް ހިމެނެނީ އެމެރިކާ 'ދޮން ނަސްލުގެ' މުއްސަނދިންކަން ބައެއް މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.

މި މައްސަލަ ފުރަތަމަ ފެން މަތިވެފައި ވަނީ ނިމިގެން ދިޔަ ހަފްތާގެ އަންގާރަ ދުވަހެވެ.

އޮޕަރޭޝަން ވާސިޓީ ބްލޫސް

ވިލިއަމް ރިކް ސިންގަރ

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްއާ ހަމައަށް އައި 'އެންމެ ބޮޑު ކޮލެޖް ސްކޭމް' ކަމަށް ސިފަކޮށްފައިވާ މި މައްސަލާގައި ބެލެނިވެރިންނަށް ދައުވާ ކުރަނީ 'މެއިލް ފްރޯޑް އާއި ހޮނެސްޓް ސަރވިސް މެއިލް ފްރޯޑް' ކުރުމުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް އިތުރު ދައުވާ ކުރެވިދާނެ ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓް ކުރެއެވެ.

އެފްބީއައި އިން ކުރި ތަހުގީގުގައި މި ސްކޭމްގެ ދަށުން އަށް ޔުނިވަރސިޓީއަކަށް މަކަރު ހަދާ ނުވަތަ ރިޝްވަތު ދީގެން ކުދިން ވައްދާފައިވާކަން ވަނީ ފަޅާ އަރާފައެވެ.

ތަހުގީގުން ދައްކާ ގޮތުން، ބެލެނިވެރިން ރިޝްވަތުގެ ފައިސާ ދީފައި ވަނީ ފޭކް ޗެރިޓީއެއް މެދުވެރިކޮށެވެ. އެގޮތުން 2012 ވަނަ އަހަރު ވިލިއަމް ރިކް ސިންގަރ އުފެއްދި 'ކީ ވޯލްޑްވައިޑް ފައުންޑޭޝަން' މެދުވެރިކޮށް މި ކަންތައް ކުރުމުގެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ އިރު، ސިންގަރ މިހާރު ވަނީ މިކަމަށް އިއުތިރާފް ވެފައެވެ. އަދި އެފްބީއައިގެ އިންވެސްޓިގޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކީ ވިޓްނަސްއެއް ގޮތަށް ސިންގަރ ބޭނުންކޮށް، އޭނާގެ ފޯނު ޓެޕްކޮށްގެންނެވެ.

ސިންގަރ ފެށި މި ސްކޭމްގެ ދަށުން ދެ ގޮތަކަށް ކުދިން ކޮލެޖަށް ވެއްދުމަށް އޭނާ ފުރުސަތު ދީފައި ވެއެވެ. އެއް ގޮތަކީ، އެ ކުދިންގެ ބަދަލުގައި ޕްރޮކްޓަރއެއް ނުވަތަ އޮފިޝަލެއް އޭސީޓީ ނުވަތަ އެސްއޭޓީ ޓެސްޓް ނަގައި ދިނުމެވެ. އަނެއް ގޮތަކީ، ކުދިންނަކީ އެތުލީޓުންނަށް ހަދާ، އެތުލީޓުންނަށް ހާއްސަކޮށްފައިވާ ޖާގަ އެ ކުދިންނަށް ހޯދައި ދިނުމެވެ. އަދި އެތުލީޓުން ގޮތަށް ކުދިން ދެއްކުމަށް ފޭކް ފޮޓޯތައް ޔުނިވަސިޓީތަކަށް ހުށަހަޅާފައި ވެއެވެ.

މި މައްސަލާގައި އަތުލައިގަތް 50 މީހުންގެ ތެރޭގައި ނުވަ ކޯޗުން ވެސް ހިމެނޭއިރު، ތަހުގީގުގައި ހިމެނޭ ޔުނިވަސިޓީތަކުގައި މަސައްކަތް ކުރާ ރެކްރޫޓްމަންޓް ކޯޗުންތަކެއް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި ތުހުމަތު ކުރެވޭ ބައެއް ކޯޗުން ވެސް ވަނީ މިކަމަށް އިއުތިރާފް ވެފައެވެ.

ލޯރީ އާއި ފެލިސިޓީ

މި މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު 12 މާޗްގައި ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ފެލިސިޓީ އާއި މޮސީމޯ ހިމެނެއެވެ. އަދި ގައުމުގައި ނެތުމުން ލޯރީ ހައްޔަރު ކުރެވިފައި ނުވާއިރު، އޭނާ ވަނީ ޖެހިގެން އައި ދުވަހު ލޮސް އެންޖެލެސް އަށް ދަތުރުކޮށް ފުލުހުންނާ ހަވާލު ވެފައެވެ. އެ އަށް ފަހު ފެލިސިޓީ ދޫކޮށްފައި ވަނީ ކަފާލާތުގެ ދަށުން 250،000 ޑޮލަރު ދެއްކުމުންނެވެ. އަދި ލޯރީ އާއި މޮސީމޯ ދޫކޮށްފައި ވަނީ އެއް މިލިއަން ޑޮލަރު ދެއްކުމުންނެވެ.

ފެލިސިޓީ ހަފްމަން އާއި ފިރިމީހާ ވިލިއަމް އެޗް މޭސީ، އެ މީހުންގެ ދަރިންނާ އެކު

އެފްބީއައިގެ ރިޕޯޓުން ދައްކާ ގޮތުން، އޭނާގެ ދޮށީ ދަރިފުޅު، ސޮފިއާ ގްރޭސް މޭސީ ޔުނިވަސިޓީއަށް ވެއްދުމަށް ޓެސްޓްގައި މަކަރު ހެދުމަށް ފެލިސިޓީ ވަނީ 15،000 ޑޮލަރު ސިންގަރގެ ފައުންޑޭޝަނަށް ދީފައެވެ. އަދި އެ އަށް ފަހު، އޭނާ ވަނީ ހަމަ މި ސްކޭމްގެ ދަށުން އެ މީހުންގެ ހަގު ދަރި ސްކޫލަށް ވެއްދުމުގެ މަސައްކަތް ފަށައި، ވަކި ހިސާބަކުން ހުއްޓާލާފައެވެ.

މި މައްސަލާގައި ފެލިސިޓީއަށް ދައުވާ ކުރެވޭއިރު، އޭނާގެ ފިރިމީހާ ވިލިއަމްއަކަށް ނުކުރެއެވެ. އެފްބީއައިގެ ތަހުގީގަށް ލިބިފައިވާ ރިކޯޑްކޮށްފައިވާ ފޯން ކޯލްތަކުން މި ކަންތައް ކޮށްފައި ވަނީ ވިލިއަމް އަށް އެނގިގެން ކަން ހާމަވާއިރު، އޭނާގެ މައްޗަށް ދައުވާ ނުކުރާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ފެލިސިޓީ ހަފްމަން އާއި ފިރިމީހާ ވިލިއަމް އެޗް މޭސީ

'އާންޓް ބެކީ' ނުވަތަ ލޯރީ އާއި މޮސީމޯގެ ދެ ކުދިން ކަމަށްވާ އިސަބެއްލާ އާއި އޮލީވިއާވެސް ޔުނިވަރސިޓީ އޮފް ސައުތު ކެލިފޯނިއާ (ޔޫއެސްސީ) އަށް ވައްދާފައި ވަނީ މި ސްކޭމްގެ ތެރެއިންނެވެ. އެ ގޮތުން، ދެ ކުދިން ވެސް ޔުނިވަސިޓީއަށް ވައްދާފައި ވަނީ އެތުލީޓުން ކަމަށް ދައްކައިގެންނެވެ. މިކަމަށް ލޯރީ އާއި ފިރިމީހާ ވަނީ ސިންގަރ އަށް (ކޮންމެ ކުއްޖަކަށް) 50،000 ޑޮލަރުގެ ރިޝްވަތު ދީފައެވެ.

ލޯރީ ލޮފްލިން އާއި މޮސީމޯ ޖިއަނޫލީ

މި މައްސަލަ ފެންމަތިވުމާ ގުޅިގެން، އިސަބެއްލާ އާއި އޮލީވިއާ ވަނީ ޔުނިވަރސިޓީއަށް ދިއުން ހުއްޓާލާފައެވެ.

ލޯރީ ލޮފްލިން އާއި ދަރިން އިސަބެއްލާ އާއި އޮލީވިއާ

ބެލެނިވެރިން މި ޖަރީމާތައް ހިންގާފައި ވަނީ ދަރިންނަށް އެނގިގެން ނޫން ކަމަށް ބެލެވޭ އިރު، އެތުލީޓުން ކަމަށް ހެދިގެން ޔުނިވަސިޓީތަކުން ޖާގަ ލިބުނު ކުދިންނަށް އެ ކަންތައް ނޭނގޭނެ ގޮތެއް ނޯންނާނެ ކަމަށް ގިނަ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ނަތީޖާ

އެމެރިކާގެ ޔުނިވަސިޓީއެއް

މި ކޮލެޖް އެޑްމިޝަން ސްކޭމް ފަޅާ އެރުމާ އެކު، ފެލިސިޓީ އާއި ލޯރީ ހޮލީވުޑްގައި ބާކީވެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އެ މީހުންނަށް އަމާޒުވިއެވެ. ފާޑު ކިޔަމުންދާ މީހުންގެ ތެރޭގައި ގިނަ ތަރިން ވެސް ހިމެނޭ އިރު، ފެލިސިޓީ އާއި ލޯރީއަށް ދަނީ ވަޒީފާތަކާއި ސްޕޮންސަރޝިޕްތައް ގެއްލެމުންނެވެ. މީގެ އިތުރުން، ލޯރީގެ ހަގު ދަރިފުޅު، ޔޫޓިއުބަރއެއް ކަމަށްވާ އޮލީވިއާ އަށް ވެސް ދަނީ ސްޕޮންސަރތައް ގެއްލެމުންނެވެ.

މީގެ އިތުރުން، މި ސްކޭމްގެ ސަބަބުން އޭނާގެ ދަރިފުޅަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދުމަށް ބެލެނިވެރިއަކު ވަނީ ދައުވާކޮށްފައެވެ. 500 ބިލިއަން ޑޮލަރުގެ ދައުވާ ކޮށްފައި ވަނީ ޖެނިފަރ ކޭ ޓޯއި ކިޔާ މީހެކެވެ. ޖެނިފަރ ބުނާ ގޮތުން، 4.2 ޖީޕީއޭއެއް އޮންނަ އޭނާގެ ދަރިފުޅު ޖޯޝުއާ އެތަކެއް ޔުނިވަސިޓީއަކަށް އެޕްލައިކޮށްފައިވާ އިރު، އޭގެ ތެރޭގައި މި ސްކޭމްގައި ހިމެނޭ ޔުނިވަސިޓީތައް ހިމެނެއެވެ. އަދި ޖޯޝުއާއަށް ފުރުސަތު ގެއްލުނީ މި ސްކޭމްގެ ސަބަބުން ކަމަށް ޖެނިފަރ ގަބޫލު ކުރެއެވެ. އަދި ސްކޭމްގައި ހިމެނޭ ބައެއް ޔުނިވަސިޓީތަކުގެ މައްޗަށް ދައުވާ ކުރަން އިތުރު ބެލެނިވެރިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް