ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ލޯން ޕްރޮގްރާމުގެ ދަށުން ދަނޑުވެރިން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭޝަލް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުޅުއްވައި ދެއްވާފައެވެ. އެ ބޭންކްގެ ދަށުން ހަތަރު ލޯނަކަށް އެދެވޭއިރު ދަނޑުވެރިންނަށް ޚާއްސަ ދާއިރާ ކަމަށް ކަނޑައެޅިފައިވާ "ދަނޑުވެރިންގެ ނަފާ" އަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންގާރަ ދުވަހުއެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރުދުންނަށް 75،000.00ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމަޔަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިލޯން ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަންދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ. މީގެ ތެރޭގައި އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، އެގްރޮފޮރަސްޓްރީ އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމު ކުރުން ފަދަ މަސައްކަތްތައް ކުރުމަށް ލޯނު ދޫކުރުން ހިމެނެއެވެ.
ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ،" ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ލޯނު ސްކީމަށް އެދި ހުށަހަޅާ ކުންފުނިތަކާއި ކޯޕަރޭޓްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރެޖިސްޓާވެފައިވާ ކުންފުންޏަކަށް ވާން ޖެހެއެވެ. އަދި އަމިއްލަ ދަރުދެއްނަމަ ލޯނު ހަމަޖެހޭ ހިސާބުން އެސްއެމްއީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވާން ޖެހެއެވެ.
އެ ލޯނަށް އެދޭ ފޯމު އެސްޑީއެފްސީން އަދި ފިޝަރީޒް މިނިސްޓްރީން ލިބޭނެއެވެ.