ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސޯލިހް، ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައަވާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހް ބައްދަލލުކުރެއްވީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއެވެ. އޭގެ ތެރޭގައި ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހާއެކު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ފުލުހުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް ސޯލިހް، ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، ފުލުހުންގެ އިދާރާއަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް އެކުލަވާލުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެކަމުގައި އާންމުންނާއި، ކަމާ ގުޅުން ހުރި އިދާރާތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
އާދިއްތަ ދުވަހު ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރާއިރު، ފުލުހުންގެ އަދަދު ވެސް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ފުލުހުން ތިބެންޖެހޭ ކަމަށާއި، ފުލުހުންގެ ހިދުމަތް ލިބެން ހުންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.