ޤާނޫނީ ހިދުމަތުގެ ބިލްގެ 18 ވަނަ މަޖިލިސް ނިމުމުގެ ކުރިން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި ގާނޫނީ ހިދްމަތުގެ ބިލްގެ ސުންގަނޑި 20 މާރޗްގައި ހަމަވާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކުރައްވާފައެވެ.
ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ ސުންގަނޑި ހަމަވާއިރު، ރިޕޯޓްގެ މަސައްކަތް ނިންމާނުލެވޭނެ ކަމަށާއި، ސުންގަނޑި އިތުރުކުރާނެ ކަމަށެވެ. ނަމަވެސް 18 ވަނަ މަޖިލިސް ނިމުމަކަށް އައުމުގެ ކުރިން، ރިޕޯޓް ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.
ގާނޫނީ ހިދުމަތުގެ ބިލް ކޮމިޓީން ދިރާސާކުރުމަށް ފަހު، ކޮމިޓީގެ ރިޕޯރޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ބިލަށް ވޯޓަށް ނާހައި މަޖިލީހުގެ ރިޔާސަތުން 25 ފެބްރުއަރީގައި އެ ބިލް ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. ރިޕޯރޓް އަނބުރާ ކޮމިޓީއަށް ފޮނުވާލަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ، ކޮމިޓީގެ ރިޕޯޓާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރެގެން ގިނަ ބަޔަކު އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން ކޮމިޓީގެ ބައްދަލުވުމެއް ފުރަތަމަ ބާއްވާފައި ވަނީ 14 މާރޗްގައެވެ. އެ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ ގާނޫނީ ޚިދުމަތުގެ ބިލް ދިރާސާކުރުމަށް ފަހު ކޮމިޓީން ނެރުނު ރިޕޯޓްގައި މައްސަލަތަކެއް ހުރެގެން، އެކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއާ ހިއްސާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ދީނީ އިލްމުވެރިން ހިމެނޭ ކަމަށެވެ. އެހެންކަމުން ކޮމިޓީން ނިންމާފައިވާ ރިޕޯޓާ ދޭތެރޭ އަމަލުކުރަންވީ ގޮތެއް ނިންމުމަށް ކޮމިޓީގެ މެމްބަރުންގެ އަރިހުން މުގައްރިރު ވަނީ އެދިވަޑައިގެންފައެވެ.
ބިލްގައި ކަންބޮޑުވުންތަކެއް ހުރެ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީ ޚިދުމަތުގެ ބިލް ފާސްވުމާ އެކު މަޤާމް ގެއްލިގެންދާ ލަތީފާ ގާސިމް ހިމެނެއެވެ. ލަތީފާ ޤާސިމަކީ ގާނޫނީ ވަކީލުންގެ ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި އިންނަވާ މެމްބަރެވެ. ލަތީފާ ހުށަހެޅުއްވި މައްސަލަ އިސްކަމެއް ދެއްވައިގެން މުޅި ކޮމިޓީގެ ރިޕޯޓް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނާތީވެ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ބިލް ދިރާސާކުރަމުން ދިޔައިރު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޤާނޫނީ ވަކީލުންނަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ލަތީފާ ގާސިމް އެ މުއްދަތުގައި އެއްވެސް ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާކަން އިންތި ފާހަގަކުރެއްވިއެވެ. އިންތި ވިދާޅުވީ އޭރު އެއްވެސް މައްސަލައެއް ހުރި ކަމަށް ހުށަނާޅައި، މިހާރު ލަތީފާ އެ މައްސަލަ ހުށަހަޅުއްވައިގެން އުޅެނީ އޭނާގެ އަމިއްލަ މަސްލަހަތު އޮވެގެން ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މުޅި ރިޕޯޓް ދިރާސާކުރަން އޭނާއަށް ނުފެންނަ ކަމަށާއި، މުޅި ރިޕޯޓުން އިސްލާހު ކުރަން އޮތީ އެންމެ މާއްދާއެއް ކަމަށެވެ. ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އިންތި ހުށަހެޅުއްވީ ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަ މެމްބަރުގެ މަގާމް ގާނޫނީ ހިދްމަތުގެ ބިލް ފާސްވުމާއެކުގައި ނިމުމަކަށް އަންނާނެ ކަމަށް ބުނާ މާއްދާ އިސްލާހުކޮށް، އޭގެ ބަދަލުގައި ގާނޫނީ ހިދްމަތުގެ ބިލް ފާސްވެ ބާރ ކައުންސިލުން އެ ގޮތަށް ނިންމުމުން މެނުވީ އެ މަގާމް ނުގެއްލޭ ގޮތަށެވެ.
ގާނޫނީ ހިދުމަތުގެ ބިލް ފާސްނުވެ ލަސްވަމުން ދާތީ، އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ބިލްތައް ފާސްނުވެ މަޖިލީހުގައި ތާށިވެފައި އޮތުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ފާޅުކުރައްވާފައެވެ.