އެމްޑީޕީ ކެންޑިޑޭޓުންނާއ ވާދަކުރާ އެހެން ކެންޑިޑޭޓުން މަޖިލީހަށް ކުރިމަތި ލާ ސަބަބު ހުދު އެ ފަރާތްތަކަށް ވެސް ނޭނގޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ވަހީދުގެ ކެމްޕެއިން އިފްތިތާހް ކުރުމުގެ ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންނާ މުހާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅަނީ ފަސް އަހަރުގެ އެޖެންޑާއެއް ކަމަށާއި އެންމެ ދުވަހެއްގެ އެޖެންޑާއެއް ނޫން ކަމަށެވެ. އަދި އެޖެންޑާ 19 އެކުލަވާލާފައި ވަނީ ވަރަށް ބޮޑު ހަޤީޤަތެއްގެ މައްޗަށް ކަމަށާއި ރާއްޖޭގެ އާންމު ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހަށް ކުރިމަތިލާ އިދިކޮޅު މެމްބަރުންނަށް ކުރިމަތިލައްވާ އެހެން ކެންޑިޑޭޓުންނަށް އިޝާރަތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ފަރާތްތަކުން މަޖިލީހަށް ކުރިމަތިލާއިރު ދާއިރާގެ ތަރައްގީއަށް ކުރާނެ ކަމެއް ނޭނގޭ ކަމަށެވެ.
"އަޅުގަނޑުމެންނާ ވާދަކުރަން ބަޔަކު ނުކުމެ އުޅޭ ކަމަށް ވޭ، އެ ބޭފުޅުން ކުރަން އުޅޭ ކަމެއް ތިބޭފުޅުންނަކަށް ވެސް އަޅުގަނޑުމެންނަކަށް ވެސް އަދި އެންމެ ދެރަކަމަކީ އެ ބޭފުޅުންނަށް ވެސް ނޭނގޭ. ކީއްކުރަންތޯ ތިމަންނާމެން މިއުޅެނީ، ކީއްވެގެންތޯ؟ އަނެއްކާ ގިނަ ފަހަރަށް އޮތީ ރާއްޖޭގައިވާ ހުރިހާ ރަށަކަށް ކުރިމަތިލައިފި، މި މެމްބަރުންނަކި އެއްދާއިރާއަކަށް ކުރިމަތިލީމާ އެ ތަނަށް އިންތިހާއަށް ބޭވަފާތެރިވެ އެ މީހުންނަށް ހެދެން އޮތްހާ ދޮގެެއް ހަދައި އެ މީހުންނާއި އެއްގޮތަކަށް އަޅައިނުލައި ދެން އެރަށްރަށަށް އެރެން ނެތުނީމައި އަންނަ އިންތިހާބުގައި އަނެއް ރަށަށް ކުރިމަތި ލަނީ. މިހެން ލަމުން ލަމުން ހުޅުދުއްފާރާއި ރ. އާއި ހިސާބަށް އައިއްސަ މިއަންނަނީ އައްޑޫ މުލިން ފަށައިގެން މި އުޅެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކެމްޕެއިން އަށް ބައެއް ބޭފުޅުން ރައްޔިތުން ހައްލަން ފައިސާ ދޭކަމަށާއި އެ ވިއްކާލަނީ އަންނަން އޮތް ޖީލްތަކުގެ ހައްގު ކަމަށެވެ. އެއް ދާއިރާ އިން އަނެއް ދާއިރާއަށް ކުރިމަތިލަމުން އަންނަ މީހުން ރަށުގެ ހާލަތު ނޭނގި ރައްޔިތުން ވެސް ނޭނގި ބައެއް މެމްބަރުން ލާރި ބަހަމުން ދާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން އެކުލަވާލިއިރުގައި ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހުގައި ގެއްލިފައިވާ ނަޒާހަތްތެރިކަމާއި ގަދާރާއި އިއްޒަތް ހިފެހެއްޓޭނެ ކަމަށް ރައްޔިތުންނަށް ކިޔައިދިނުން ކަމަށާއި ފާއިތުވެގެންދިޔަ މަޖިލީހަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުން ވޯޓް ވިއްކައި، ގޮނޑިތައް ވިއްކި މަންޒަރު ރައްޔިތުން ތިބީ ކައިރިން ބަލަން ކަމަށާއި މުސާރައާ ނުބައްދަލު މުއްސަނދިކަމާއި މިލްކިއްޔާތެއް ހޯދައި ރައްޔިތުން އިންތިހާބު ކުރި މަގާމުގެ އަގުވައްޓާފައިވާ ކަމަށެވެ.
"ތިބޭފުޅުންނަށް އެބައިނގޭ އެތަނަށް ވަދެ ވޯޓް ވިއްކަނީކަން، ތިބޭފުޅުންނަށް އެބަ އިނގޭ އެތަނަށް ވަންނަ އިރުގައު ދެ ޖީބުގައި އެއްވެސް އެއްޗެއް ނެތް މީހާ ބޯލް ޕޮއިންޓް ގަލަމެއްގެ ދޯރި ހަމައެކަނީ ޖަހައިގެން ހުރީ ޖީބަށް، ނިމުނު އިރުގައި ހުޅުމާލޭގައި ފްލެޓެއް މާލޭގައި ފްލެޓެއް ރަށުގައި ބޮޑު އޮޑިއެއް، ސަފާރީއެއް، ނިމުނު އިރުގައި ބޭރަށް މީހުން ފޮނުވާ އެޖެންސީއެއް ކޮންސްޓްރަކްޝަން ކުންފުންޏެއް. ނިމުނު އިރުގައި ނެތް އެއްވެސް އެއްޗެއް ނެތް އޭނާއަށް މުސާރަ ލިބޭ އަދަދު އެބަ އިނގޭ އެކަމަކު އޭނާ ހޯދާފައިހުރި މިލްކިއްޔާތު އެބަ އިނގޭ، ރައްޔިތުން ދިޔައީ ބަލަމުން ވޯޓް ވިއްކަމުން ދިޔަ މަންޒަރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރ. އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހްކުރުމަށާއި އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ ދަތުރުފުޅެކެވެ.