Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 12:49
އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް
އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް
ހައްވާ މުހައްމަދު
ރައްޔިތުންގެ މަޖިލިސް 2019
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
އެދާއިރާއަށް ކުރިމަތިލައްވަނީ އަބްދުލް މުޢުނީ

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަބްދުލް މުޢުނީއަށް އެޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮއްސިއެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އަސާސްތަކާ ޚިލާފު ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައިވާތީ، މުޢުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. 

"ވަރަށް ފަހަކަށް އައިސް ސޯޝަލް މީޑިއާގައާއި ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައިވެސް މިހާރު ފެނިގެން އެބަދޭ އެމްޑީޕީގެ ކެނޑިޑޭޓަކަށް ގެވެށި އަނިޔާގެ ތުހުމަތު، ވަރަށް ސީރިއަސް ތުހުމަތުތަކެއް، ކުރެވިފައިވާތަން، މިކަމާމެދު އަޅުގަނޑުމެން ޕާޓީގެ ތެރެއިން މަޝްވަރާކޮށް ނިންމިފައިވަނީ އެމްޑީޕީން ތިނަދޫ އުތުރުގެ ކެނޑިޑޭޓަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންދިއުމަށް، އަދި އެ ކެނޑިޑޭޓުގެ އެެއްވެސް ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދުވެސް އަދި އެހެން ބޭފުޅެއްވެސް ބައިވެރިވެ ވަޑައިނުގަންނަވާނެ،" އަފްޝަން ވިދާޅުވިއެވެ. 

އަފްޝަން ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އިންސާނީ ހައްޤުތަކާއި، ކަރާމާތާ، އަދި ޚާއްސަކޮށް އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް، އަޑުއުފުލާ މަސައްކަތް ކުރަމުން ގޮސްފައިވާ ޕާޓީއެއް ކަމަށާއި، އެޕާޓީގެ އަސާސްތަކާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއްް ހިނގާފައިވާނަމަ ނުވަތަ ސީރިއަސް ތުހުމަތެއް ކުރެވުނު ނަމަވެސް އެޕާޓީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. 

ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓު އަބްދުލް މުޢުނީއަށް އެޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، އެ ދާއިރާއަށް އެމްޑީޕީން ތާއީދުު ކުރާނެ ފަރާތަކާމެދު އަދި ވަކި ގޮތެއް ނުނިންމަވާކަމަށް އަފްޝަން ވިދާޅުވިއެވެ. 

މުޢުނީގެ އިތުރުން އެ ދާއިރާއަށް ވާދަކުރަނީ ދެ ކެނޑިޑޭޓަކު އެވެ. އެއީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ ސައުދުﷲ ހިލްމާއާއި، އިކްލީލް އާދަމް އެވެ. އެ ދެ ކެނޑިޑޭޓުންވެސް ވާދަކުރަނީ އަމިއްލަގޮތުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
18 މާރޗް 2019 | ހޯމަ 09:09
އައިމިނާ
ތިޔައީ މީގެ 11 އަހަރު ގެ ކުރީގެކަމެއް. އެ އަންހެންމީހާ މިހުރިހާދުވަހު ހުރެފަ މިދުވަސްކޮޅު ތިޔަވާހަކަދެއްކުމުގެ ބޭނުމަކީ ކޮބައިކަން ކުޑަކުއްޖަކަށްވެސްއެނގޭނެ. އެމްޑީޕީއިންވެސް އެކަންހިގާދިޔަގޮތާ ވީގޮތެއްބައްލަވާފަ ފިޔަވަޅުއަޅަންޖެހޭނީ.. ބަޔަކުއެއްޗެކޭބުނާއިރަށްނުޖެހޭ ހަރުކަށިވާކަށް.