Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 19:46
އެމް.އެން.ޔޫގެ ދަރިވަރުންތަކެއް
އެމް.އެން.ޔޫގެ ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
މަތީ ތައުލީމުގެ ފުރުޝަތު
މަތީ ތައުލީމުގެ ލޯނު އަންނަ ހަފުތާގައި ދޫކުރަން ފަށާނެ: މިނިސްޓްރީ
މަތީ ތައުލީމުގެ ފުރުޝަތަށް 650 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވޭ
 ރާއްޖޭން ބޭރުގައި ކިޔެވުމަށް 200 ފުރުޝަތު ހުޅުވާލި
100 ފުރުޝަތު މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް

މަތީ ތައުލީމް ހާސިލް ކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވައިލި ސްކީމުގައި ލޯނު ލިބުނު ދަރިވަރުންނަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ބައެއް މީޑިއާތަކަށް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ ލޯނު ލިބުނު ދަރިވަރުންގެ އެގްރިމެންޓް ތައްޔާރުކޮށް، އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށާއި އަދި ފިނޭންސް މިނިސްޓްރީން އެ ފައިސާ ޖަމާކުރަން ފަށާނެ ކަމަށެވެ.

މަތީ ތައުލީމުގެ ފުރުޝަތަށް 650 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައި ވާއިރު އޭގެ ތެރެއިން ލޯނު ދީފައިވަނީ 315 ދަރިވަރުންނަށެވެ.

ރާއްޖޭގައި ކިޔެވުމަށް 300 ފުރުޝަތު ހުޅުވާލާފައި ވާއިރު  ރާއްޖޭން ބޭރުގައި ކިޔެވުމަށް 200 ފުރުޝަތު ހުޅުވާލާފައި ވެއެވެ.

މީގެ އިތުރުން 100 ފުރުޝަތު މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްފައި ވެއެވެ. ނަމަވެސް ޖާގަ ދީފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 113 ފުރުޝަތާއި ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 169 ފުރުޝަތެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުން އަންނަ 33 ދަރިވަރަކަށް ފުރުޝަތުލިބެއެވެ.

މިނިސްޓްރީން ވަނީ، މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކާ މުއްދަތު އިތުރުކޮށްފަ އެވެ. މިފަހަރު ލޯނަށް ހޮވުނު ދަރިވަރުންނަށް ވެސް ލޯނު ދޭން ނިންމާފައިވަނީ އާ އުސޫލުގެ ތެރެއިންނެވެ.

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުން މިހާރު ވަނީ އެފުރުޝަތު ތަނަވަސް ކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، ރާއްޖޭގެ ހުރިހާ ކޮލެޖަކުން ކިޔެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ޙަސަން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

 

 

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް