Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 14:56
އާންމު ކޮމިޓީގެ ބައްދަލުވުން
އާންމު ކޮމިޓީގެ ބައްދަލުވުން
ހައްވާ މުހައްމަދު
މަޖިލިސް އިދާރާ
މަޖިލިސް އިދާރާގެ އަންހެން މުވައްޒިފުންނަށް ވިހެއުމުން ހަ މަހުގެ ޗުއްޓީއެއް
ސަކާރުގެ މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް ދިނުމަކީ ސަރުކާރުގެ ވައުދެއް
 ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން މުސާރައާ އެކު ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭ ގޮތަށް ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދު އިސްލާހުކުރައްވައި ޢާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މި ގޮތަށް ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ.

ސަރުކާރުގައި ވަޒީފާއަދާ ކުރާ އަންހެނުންނަށް ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާ އެކު ލިބޭ ގޮތަށް ހަމަޖެއްސުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަައުދެކެއެވެ. 

ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް، އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ސަރުކާރުން ބަދަލު ގެނައިކަން އިއުލާންކުރީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި ޢާއިލާ އާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ

ސަރުކާރުން ގެނައި އެ ބަދަލާ އެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވަނީ އެ އުސޫލުން ޗުއްޓީއަށް ބަދަލުތައް ގެނައިކަން އިއުލާންކޮށްފައެވެ. އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނީ ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށް، އެ ކުންފުނީގެ މުވައްޒިފުންނަށްވެސް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ އެ ބަދަލު ގެނައިކަން އިއުލާންކޮށްފައެވެ. އަދިި ސަރުކާރުން ގެނައި އެ ބަދަލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އެ ބަދަލުގެ ސަބަބުން ހުރިހާ މުވައްޒިފުންނަށް ވެސް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

 ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް