އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އާޓްސް ކައުންސިލްސް އެންޑް ކަލްޗާ އެޖެންސީސް (އިފަކާ) އިން މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައި ބާއްވާ "ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރ"ގެ އަށްވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގެންފިއެވެ.
ސަމިޓްގެ މައިގަނޑު ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ''ހުޅުވިފައިވާ ވިސްނުމަކުން، ސަގާފަތާއި އިލްމާއި ބަދަލު'' އެވެ. މި ސަމިޓުގެ ބޭނުމަކީ އާ ނަޒަރަކުން އުފެއްދުންތެރި ގޮތްގޮތަށް ސަގާފަތާއި ފަންނުވެރިކަމަށް ބަލައިލުން ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ބުނެއެވެ.
ހެރިޓޭޖު މިނިސްޓްރީން ބުނި ގޮތުގައި، ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗާގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނެއްގައި ސަގާފަތާ ބެހޭ އިދާރާތަކާއި އެ އިދާރާތަކާ ގުޅުންހުރި ތަފާތު އެކި ފަރާތްތައް އެއްތަންވެ މަޝްވަރާކުރެވުމުން ރާއްޖެ އާއި އެހެނިހެން ގައުމުތަކާއި އިތުރަށް ގުޅުން ބަދަހިވެ، ދިވެހިންނަށް އެ ދާއިރާ އިން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި ސަމިޓުގައި ސަގާފަތާއި ފަންނުވެރިކަން ކުރިއެރުވޭނެ ފަހުގެ ގޮތްތަކާ މެދު މަޝްވަރާކޮށް އަމަލީ ގޮތުން އެކަންކުރެވޭނެ ގޮތްތައް ދެނެގަނެ، އެ މަސައްކަތުގައި އެކި ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ހިއްސާކުރާނެއެވެ.
މި މަހުގެ 12 އިން 14 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި 81 ގައުމަކުން 432 މަންދޫބަކު ބައިވެރިވެއެވެ.
މިނިސްޓަރު ޔުމްނާގެ ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކުރާމް އާއި ޑިރެކްޓަރު ޖެނެރަލް ހައްވާ ނަޒުލާ ބައިވެރިވެވަޑައިގެންނެވިއެވެ.