Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 09:00
ކުރީގެ ރައީސް ނަޝީދު ވާހަކަދައްކަވަނީ
ކުރީގެ ރައީސް ނަޝީދު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކުރީގެ ރައީސް ނަޝީދު
އިއްތިހާދު އެކުލަވާލުމުގައި ފިކުރީ އެއްބަސްވުމެއް ނެތް: ރައީސް ނަޝީދު
އެހެން ޕާޓީތަކާއެކު އެއްފިކުރަކަށް ނާދެވޭ
ގޮނޑި ބަހައިފިނަމަ އެއީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް

މިސަރުކާރު ގެނައުމަށް އިއްތިހާދެއް އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށާއި، އެއިއްތިހާދު އެކުލަވާލުމުގައި ފިކުރީ އެއްބަސްވުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ތޮއްޑޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ މިސަރުކާރު އުފައްދާފައި ވަނީ އިއްތިހާދަކުން ކަމަށާއި، އެއިއްތިހާދު އުފެދުނު ސަބަބަކީ އެންމެ ސަބަބެއް ކަމަށެވެ. އެއީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެހެން ޕާޓީތަކާއެކު އެއްހިޔާލަކަށް އެއްމަސްލަހަތަކަށް އެއްފިކުރަކަށް ނާދެވޭ ކަމަށާއި، އާދެވުނު ފިކުރަކީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ރައީސް ޔާމީންއާ އިދިކޮޅަށް ނެރޭނެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށެވެ. އެއްބަސްވުމަކީ ސަރުކާރު އެކުލަވާލުމުގައި ޕާޓީތަކުގެ ހިއްސާ ބޭއްވުމަށްވި އެއްބަސްވުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަކީ ވަކިވަކި ދާއިރާގައި ސީދާ އެރައްޔިތުން ވަރަށް ޚާއްސަ ގޮތެއްގައި ނިންމާ ކަމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ގޮނޑި ބަހައިފިނަމަ އެހެން ޕާޓީގެ މެންބަރުންނަށް ވޯޓުދޭން ބުނުމަކީ އެރައްޔިތުންގެ ފިކުރާ ހިޔާލު ދޫކޮށްލުމަށް މަޖުބޫރު ކުރުން ކަމަށެވެ. 

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިއަދު ވެސް މާދަމާ ވެސް އަދި އަބަދު ވެސް ބުނަމުން މިއަންނަނީ މިޕާޓީ އުފެދިގެން އައީ ވަކި ޚާއްސަ ކަންތައްތަކެއް ކުރުމަށް. ވަކި ބަދަލުތަކެއް މި ދިވެހިރާއްޖޭގެ މުޖުތަމައުއަށް ދިވެހިންގެ ދިރިއުޅުމަށް ދިވެހިންގެ އާންމު ހަޔާތަށް ގެނައުމަށް. ދިވެހިރާއްޖޭގެ ގައުމިއްޔަތަށް މުޅިން އެހެން ކުލައެއް ގެނައުމަށް. ދިވެހިދަރިންގެ އަހުލާގު އަޅުގަނޑުމެންގެ ރައްޔިތުންގެ ގަދަރާ އިއްޒަތަށް. އަޅުގަނޑުމެންގެ މުޅި ދުނިޔެވީ ދިރިއުޅުމުގެ ޖުމްލަ އެންމެހާ ކަންކަމަށް އެހެން ބަދަލެއް ގެނައުމުގެ ނިޔަތުގަ އެމްޑީޕީން އުފެދިގެން އައީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށާއި، ހަރުދަނާ ވެރިކަމެއްގެ ނިޒާމެއް ނޫން ކަމަށެވެ. އަދި އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި އިއްތިޚާދެއް އެކުލަވާލުމަށް ބަޔަކު ކަންކޮށްފައިވާ ގޮތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް