Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 09:46
މޭޔަރ ޝިފާ މުހައްމަދު
މޭޔަރ ޝިފާ މުހައްމަދު
މުހައްމަދު ޝަރުހާން
މާލެ ސިޓީ ކައުންސިލް
މާލެ މެނޭޖްކުރަނީ ވަރަށް ދަތި ހާލުގައި: މޭޔަރ ޝިފާ
ޖާގައިގެ ދަތިކަމާއި، ޓެކްނިކަލް މީހުން ނެތުމުން ބޮޑެތި ގޮންޖެހުން ހުރިކަން ފާހަގަކުރެއްވި

 މާލެ ސިޓީ ކައުންސިލުން މާލެ މެެނޭޖް ކުރަނީ ވަރަށް ދަތި ހާލުގައި ކަމަށް މޭޔަރ ޝިފާ މުހައްމަދު ވިދާޅުވވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި އެކު ހޯމަދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިފާ ވިދާޅުވީ، ސިޓީ ކައުންސިލް ހިންގުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ، މާލީ ތަނަވަސްކަން ނެތުމާއި، ޓެކްނިކަލް މީހުން ނެތުން ކަމަށެވެ.

ޝިފާ ވިދާޅުވީ ސިޓީކައުންސިލުން ނެގި، ގިނަ މަސައްކަތްތައް އަނބުރާ އާ ސަރުކާރުން ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ މާލީ ފޯރުންތެރިކަން ނެތުން ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މާލީގޮތުން ސިޓީކައުންސިލަށް ލިބެންޖެހޭ ތަނަވަސްކަން ލިބޭނޭ މަގު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަޖެހިގެން ދާނެމަގު ފަހިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މޭޔަރ ޝިފާ ވިދާޅުވިގޮތުގައި، މާލެ އޮތީ މައްސަލަތަކުން ފުނިޖެހިފައެވެ. މަގުތައް ހުރީ އަލުން ހަދަން ޖެހިފައެވެ. ރިންގް ރޯޑް ފިޔަވާ އަލުން އާބާތުރަ ފިލުވަން ނުޖެހޭ އެއްވެސް މަގެއް ނެތް ކަމަށް ޝިފާ ވިދާޅުވިއެވެ. ކުނި މެނޭޖް ކުރަނީ އެހާމެ ދަތި ހާލުގައެވެ. ކުޑަމިނުން މާލޭގެ މަގުބައްތިތައް ބަދަލު ކޮށްލާނެ އެކަށީގެންވާ ވަސީލަތެއް ސިޓީކައުންސިލުގައި ނެތް ކަމަށް ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ކުނީގެ މައްސަލައާއި ބެހޭ ގޮތުން މޭޔަ ވިދާޅުވީ، ކުނި އަޅާ މީހުން ދެނެގަނެ ޖޫރިމަނާކުރުމުގެ ކަންކަން އުސޫލެއްގެ ތެރެއިން ކުރަން ފެށުމުން އެކަށީގެންވާ ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށެވެ.

"ކުނިއެޅުމަށް ވަރަށް ބޮޑު ހައްލެއް އައިސްފި. ކުނި ބަހައްޓަނީ ގިނައިން ކޮންސްޓްރަކްޝަން ސައިޓް ތަކުން. އެތަނަށް ދެން އާއްމުން ކުނިއަޅަނީ. މާލޭސިޓީ އަށް ކުނިއަޅާ މީހާއާއި ދިމާލަށް ކުނި ނާޅާށޭ ބުނުމުގެ ހިތްވަރު ކޮންމެ ބޭފުޅެއްގައި ވެސް ހުންނަށް ޖެހޭ. މާލޭ ސިޓީއަކީއެންމެންގެ ތަނެއް" މޭޔަރ ޝިފާ ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި އަޅާފައިވާ ވޯޓަރިންގެ ހޮޅިތަކުގެ މައްސަލަ ވަރަށް ބޮޑުކަމަށާއި، މަސައްކަތް ނިމިފައި ހުރި ހޮޅިތައް ނެގުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހޮޅިތަކުގައި މަސައްކަތް ކުރާ ކުންފުނީގެ ނަންޖަހާފައި އޮންނަން ޖެހޭއއިރު އެކަން ކޮށްފައި ނެތުމަކީ މައްސަލައެއް ކަަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ނިމިފައިހުރި ތަންތާނގެ ހޮޅިތައް ވެސް ނުނަގާހުރި ކަމަށް ފާހަގަކުރެވި އެކަމުގެ ސާވޭއެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ސިޓީކައުންސިލް ހިންގުމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކުރައްވަމުން، ސިޓީކައުންސިލްގެ އިމާރާތުގެ ޖާގައިގެ ދަތިކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުރިން ސިޓީކައުންސިލް ހިންގި ބިއްލޫރިޖެހިގެ އިމާރާތުން ސިޓީކައުންސިލް ބޭރުކުރިއިރު، ގިނަ އަދަދެއްގެ މުދާ ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

"ބިއްލޫރިޖެހިގެއިން ނެރުނު އިރު އެތަނުގައި ހުރި ގިނަ މުދާ ވީނުވީއެއް ނޭނގޭ. މި ހަފްތާގައި ފުލުހުންނާއި ބައްދަލުކޮށް އެ މުދާތައް ހޯދުމުގެ މަސައްކަތް ކުރާނަން. ބައެއް މުދާތައް ތަންތަނުގައި ގުޅައަކަށް ޖަހާފައި އެބަހުރި" މޭޔަރ ވިދާޅުވިއެވެ.

ބިއްލޫރިޖެހިގެއިން ހުރަވީ ބިލްޑިންގ އަށް ބަދަލުކޮށް އެތަނުގައިވެސް ތިބެވޭގޮތެއް ނުވިކަމަށާއި، އެތަނުން ނެރުނު އިރު، ރައްޔިތުންގެ އެތައް ބައިވަރު އަގުބޮޑު ކުރެހުންތައް ބަހައްޓާނެޖާގަ ނެތުމުން އަދިވެސް ހުރީ ބިންމަތީގައި ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލަށް ހިންގާނެ ޖާގައާއި، މާލީ ތަނަވަސްކަމާއި، ސިވިލް ސާވިސްގެ އެހީ ވެސް ވަރަށްބޮޑަށް ބޭނުންވާކަމަށް މޭޔަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް