Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 13:26
މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ
މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
އަންނަ ހަފްތާގައި މަޖިލިސް ޖަލްސާއެއް ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ!
މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު
މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޭޕްރީލް މަހުގެ ނިޔަލަށް

އަންނަ ހަފްތާގައި މަޖިލިސް ޖަލްސާއެއް ބާއްވާނެ ތާރީޚެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޝްވަރާކޮށްފައި ނުވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާގެ ތެރޭގައި ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާތައް އޮންނާނެ ދުވަހަކާއި ވަގުތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. ޕާލަމެންޓްރީ ގްރޫޕް ލީޑަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު ނިންމާފައި ވަނީ މި ހަފްތާގައި މަޖިލިސް ޖަލްސާއެއް ނުބޭއްވުމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ އަންނަ ހަފްތާގައި މަޖިލިސް ޖަލްސާ ބާއްވާނެ ތާރީޚެއް ކަނޑައަޅަން މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވުމަށް އަދި އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ހަފްތާ ނިމެން އައިއިރު ވެސް ޖަލްސާ ބާއްވާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާއިރު، އަންނަ ހަފްތާގައި ވެސް މަޖިލިސް ޖަލްސާއެއް ބާއްވާނެކަމާ މެދު ސުވާލު އުފެދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއެވެ. އޭގެ ފަހުން މިހާތަނަށް ބާއްވާފައި ވަނީ ހަތް ޖަލްސާއެވެ.

މަޖިލިސް މި އަހަރަށް ހުޅުވި ފަހުން ބޭއްވި ޖަލްސާތަކުގައި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ވަނީ ފާސްކޮށްފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ގާނޫނީ ޚިދުމަތުގެ ބިލް ވަނީ އަލުން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާލާފަ އެވެ. އޭގެފަހުން މި ދެ ބިލްގެ މަސައްކަތް ކޮމިޓީން އަދި ކޮށްފައެއް ނުވެ އެވެ.

މަޖިލިސް މި އަހަރަށް ހުޅުވި ފަހުން ބޭއްވި ޖަލްސާތަކުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކުރައްވާފައި ވެއެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚަކީ އެޕްރީލް 6 ވަނަ ދުވަހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް