Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 13:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އއ. މަތިވެރީގައި ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އއ. މަތިވެރީގައި ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް ނަޝީދު
ސަރުކާރުގެ ކެންޑިޑޭޓެކޭ ބުނަން ލަދުފުޅު ގަނޭ، މިއީ ރައްޔިތުންގެ ކެންޑިޑޭޓެއް: ރައީސް ނަޝީދު
އއ އަތޮޅަށް ރައީސް ނަޝީދު ވަޑައިގެންނެވީ މިއަދު

ސަރުކާރުގެ ކެންޑިޑޭޓުންނޭ ވިދާޅުވަން ލަދުފުޅުގަންނަ ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ. މަތިވެރި ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން ޒަރީރުގެ ކެމްޕެއިންގައި މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1990 ގެ އަހަރުތަކުގެ ތެރޭގައި މަޖިލީހަށް އިންތިޚާބުވާ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓަކަށް ވާތީ އެ މީހަކަށް ވޯޓު ދޭންޖެހޭ ކަމަށް ބުނެ އެޓޯލްސް މިނިސްޓަރ އެރަށަކަށް ވަޑައިގެން ވިދާޅުވާ ކަމަށާއި އަދި އެމެމްބަރަކަށް ގަނޑުކޮށް އެ އަތޮޅެއްގެ ރައްޔިތުން ވޯޓު ދޭ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ ސަރުކާރުގެ ކެންޑިޑޭޓެއް ނޫން ކަމަށާއި އެ ކެންޑިޑޭޓަކީ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނޭ ބުނެ މަޖިލީހަށް ވޯޓު ހޯދި ދުވަސް މާޒީވެ ގޮސްފި ކަމަށާއި މަޖިލީހަށް އިންތިޚާބުވާ ކޮންމެ ކެންޑިޑޭޓަކީ ވެސް ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން "އަޅުގަނޑުމެންނަކީ ސަރުކާރު"  ކަމަށް ވިދާޅުވިއެވެ.

"އެވާހަކަ ދެއްކީ އަރިއަތޮޅުގެ ރަށްތަކަށް 1980 އާއި 90 ގެ އަހަރުތަކުގައި އެޓޯލް މިނިސްޓަރ ވަޑައިގެން މިއީ ވަރަށް ރަނގަޅު ކުއްޖެކޭ ސަރުކާރުގެ ކެންޑިޑޭޓޭ ވިދާޅުވޭ. އޭރުން ޖެހެނީ އެ މީހަކަށް ގަނޑުކޮށް ވޯޓު ދޭން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށްޓަކައި އެމްޑީޕީއަށް ވޯޓު ދެއްވުން މުހިއްމު ކަމަށާއި

ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި މަޖިލިސް ވެގެން ދާނީ ވަސީލަތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިކުންނަވާ އެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓު ދިނީމާ އިންތިޚާބު ވެފައިވާ އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ. އެއީ އަދި ތިބޭފުޅުން އިތުރަށް ބައްލަވަންޏާ އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ރައީސް، ހިންވަރު ދާއިރާގެ މެމްބަރު އެމްޑީޕީގެ ފައުންޑަ މެމްބަރެއް. ދެން މިސަރުކާރު އެހެން ބައެއްގެ ސަރުކާރަކަށް ވާނޭ އެއްވެސް ގޮތެއް ނެތް. ދެން ތިމަންނާއަކީ ސަރުކާރުގެ ކެންޑިޑޭޓޭ.. އަޅުގަނޑު ލަދުގަނޭ އެހެން ބުނަން،" ރައީސް ނަޝީދު ވިދާޅިވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު މެމްބަރަކަށް އިންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނާ އެކީ މަސައްކަތް ކޮށްދެއްވާނެ މެމްބަރުން އެމްޑީޕީގެ ތެރެއިން ހޯދައިދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

އއ. އަތޮޅަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު މަތިވެރިއަށެވެ. އެ އަށް ފަހު ބޮޑުފުޅަދޫ، އުކުޅަސް، ރަސްދޫ އަދި ތޮއްޑޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

އއ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޕެއިން ކުރައްވަން ވަޑައިގަންނަވާ ދަތުރުފުޅެކެވެ. އަންގާރަ ދުވަހުގެރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ތޮއްޑޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް