Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 14:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރާއްޖެއެމްވީ
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގެ އިސްތިއުނާފް އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި
ޔާމީން ހައްޔަރުކޮށްފައިވާތާ 21 ދުވަސް ވެއްޖެ
ހައްޔަރުކޮށްފައިވަނީ މަނީ ލޯންޑްރިންގްގެ ދައުވާގެ ޝަރީއަތް ނިމެންދެން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފް އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓުއަމުރުގެ އިސްތިއުނާފް އަޑުއެހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަންގާރަ ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެ މަނިކުފާނު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ، ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށާއި ހެކިންނަށް ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް ޔާމީން ފައިސާ ހުށަހެޅުއްވި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް ވަކީލާ ވިދާޅުވިއެވެ. 

ޔާމީން ހައްޔަރުކޮށްފައިވާތާ 21 ދުވަސްވީއިރު، މެއަށް ތަދެއް އަރައިގެން ކަަމަށް ބުނެ، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވަނީ ޔަމީން ޖަލުގައި ނުބޭންދޭނެ ކަމަށް ވިދާޅުވެ، ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް