Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 14:48
ޓައިނީ ހާރޓްސްގެ ކޭމްޕްގެ ތެރެއިން
ޓައިނީ ހާރޓްސްގެ ކޭމްޕްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ޓައިނީ ހާޓްސް
ކެއަރ ފޮރ ޓައިނީ ހާރޓްސް 2019 ފަށައިފި
މިކޭމްފްގައި ޑޮކްޓަރަށް ދެއްކުމަށް 200 އަށް ވުރެ ގިނަ ކުދިން ރަޖިސްޓަރކުރި
މި ކޭމްޕް ކުރިއަށްދާނީ 10-12 އަށް ހުޅުމާލެ ހޮސްޕިޓަލްގައި

އުފެދުމުގައި ހިތުގެ އެކި ބަލިތައް ހުންނަ ކުދިންގެ ހައްގުގައި މަސައްކަތްކުރުމަށް އުފައްދާފައިވާ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިން ބާއްވަމުން އަންނަ ''ކެއަރ ފޮރ ޓައިނީ ހާރޓްސް 2019'' ކޭމްޕް ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި މި މަހުގެ 10 އިން 12 އަށް ކުރިއަށްދާ މި ކޭމްޕަކީ މި ގޮތަށް ކުރިއަށްދާ 11 ވަނަ ކޭމްޕެވެ. ތިން ދުވަހަށް ކުރިއަށް ގެންދާ މިކޭމްޕްގައި ހެނދުނު 8:00 އިން 17:00 އަށް ޑޮކްޓަރުން ބައްލަވަމުން ގެންދަވާނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ވައިސް ޗެއަރޕާސަން ފާތުމަތު ލިމްޔާ ވިދާޅުވީ 2009 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މި ކޭމްޕްގެ މަގުސަދަކީ އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިންގެ ތެރެއިން އެ ޖަމިއްޔާގައި ދަފްތަރުކުރެވިފައިވާ ކުދިންނަށް އަމާޒުކޮށްގެން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ''ކެއަރ ފޮރ ޓައިނީ ހާރޓްސް''ގެ އެހީގައި ބާރުއެޅުން ކަމަށެވެ.

ލިމްޔާ ވިދާޅުވީ މިކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް 200 އަށް ވުރެ ގިނަ ކުދިން ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

''މި ކޭމްޕުން ރާއްޖޭގައި ތިބެގެން ކުޑަ ކުދިންގެ ހިތުގެ ޑޮކްޓަރަށް ދެއްކުމާއި، ސާޖަރީ ހެދުމަށް ފަހު ފްލޯއަޕް ހެދުމާއި އަދި އެ ކުދިންގެ ޓްރީޓްމެންޓް އިތުރަށް ގެންދިއުމަށް ޓްރެވަލް ނުކޮށް، އެޙިދުމަތްތައް ކުރިއަށް ގެންދެވޭނެ'' ލިމްޔާ ވިދާޅުވިއެވެ.

 

''ކެއަރ ފޮރ ޓައިނީ ހާރޓްސް 2019'' ކޭމްޕްގައި ކުޑަކުއްޖެއްގެ އެކޯ ހަދަނީ

ލިމްޔާ ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް 100 އާއި 150 އާއި ދެމެދުގެ އަދަދަކަށް ކުދިންނަށް މި ކޭމްޕްގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

މިކޭމްޕްގައި ބައިވެރިވި ބެލެނިވެރިއަކު ބުނީ ކުއްޖާގެ ފަރާތުން ހިތުގެ މައްސަލައެއް ފެންނައިރަށް ޓައިނީ ހާރޓްސްގައި ރަޖިސްޓްރީވެ، އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭނާ ބުނީ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ކުދިންނާއި އެކަށީގެންވާ ގޮތަށާއި، ޓައިނީ ހާރޓްސްގެ ވޮލަންޓިއަރުންގެ ފަރާތުން ވެސް އުންމީދު ކުރި ވަރަށް ވުރެ ވެސް ބޮޑަށް އެހީތެރިކަން ލިބުނު ކަމަށެވެ.

''ދެއަހަރާއި ތިން މަހުގެ ކުއްޖެއް ޑޮކްޓަރަށް މިދެއްކީ. ފުރަތަމަ ތަޖުރިބާމީ. ވަރަށް ފްރެންޑްލީ އެންވަޔަރަންމަންޓެއް މިއީ. ކުދިންގެ ހާސްކަން ގެއްލޭ. ޑޮކްޓާރ ހަމައަށްދާއިރު ދަރިފުޅު ހުންނަނީ ވަރަށް ހަމަޖެހިފަ. އެހެންވީމަ އަސްލު ވަރަށް ފަސޭހަވޭ. މުއައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ'' އެމީހާ ބުންޏެވެ.

''ކެއަރ ފޮރ ޓައިނީ ހާރޓްސް 2019'' ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިއަށްދަނީ

މި ކޭމްޕްގައި ބައްލަވަނީ މި ފަދަ ބަލިތަކުގައި މި ސަރަހައްދުގައި އެންމެ ތަޖުރިބާކާރު އަދި ރާއްޖޭގެ ގިނަ ކުދިންތަކަކަށް އިންޑިއާގައި ފަރުވާ ދެމުން އަންނަ ޑޮކްޓަރުންނެވެ.

އެ ޖަމިއްޔާ އިން ބުނީ "ކެއަރ ޓައިނީ ހާރޓްސް 2019" ބޭއްވުމަށް އެސްޓީއޯ، އަދި ޔުނިވާރސަލް ފައުންޑޭޝަންގެ ދީލަތި އެހީ ލިބިފައިވާ ކަމަށެވެ.

2009 އަހަރު ވުޖޫދަށް އައި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއަކީ ވޯލްޑް ހާރޓް ފެޑަރޭޝަންގެ މެމްބަރެކެވެ. މިއަދާ ހަމައަށް އެ ޖަމްއިއްޔާގެ 563 ކުދިން ވަނީ ދަފްތަރުކުރެވިފައެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ އަތޮޅުތެރޭގައި ދިރިއުޅޭ ކުދިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް