Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 23:30
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙުމަދު މަޚްލޫފް
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙުމަދު މަޚްލޫފް
ރައީސް އޮފީސް
އަހުމަދު މަޚްލޫފް
ސަލާންޖަހަން ޖެހުނަސް ހުންނާނީ މިގޮތުގަ، މިއީ ރައްޔިތުންގެ ފަޅި: މަޚްލޫފް
މިހާރުވެސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވި

މަގުމަތީގައި ސަލާން ޖައްސަވަން ޖެހިވަޑައިގަތަސް، ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވީ އާދީއްތަ ދުވަހު އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަޙުމަދު ނިހާން ޙުސައިން މަނިކު ޓްވިޓަރގައި މަޚްލޫފަށް ރައްދުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

އާދީއްތަ ދުވަހު ނިހާން ޓްވީޓަރގައި ވިދާޅުވީ، ފަހަކަށް އައިސް ރާއްޖެ ދުއް އެންމެ ހިތްވަރު ގަދަ، ކެރޭ، ސިޔާސީ ބަޠަލުން އުފެދިފައިވަނީ ކުރިގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ދެ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތެރެއިން ކަމަށެވެ. މިފަދައިން ވިދާޅުވުމަށްފަހު، މަޚްލޫފް ނިސްބަތްވެވަޑައިގަންނަވާ ދިވެހި ރާއްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދޮގުވެރި، މަކަރުވެރި ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވާ ނިހާން ވަނީ މަޚްލޫފް 'ރައްޔިތުންގެ ފަޅި' އަށް ބަދަލުވެވަޑައިގަތުމަށް ދައުވަތު ގޮވާލައްވާފައެވެ.

މި ޓްވީޓްގައި ނިހާން ވަނީ އެމްޑީޕީގެ ސަރުކާރެއް އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދޭންވާނީ އިދިކޮޅަށް ކަމަށް ވިދާޅުވެފައެވެ.

ނިހާންގެ މި ޓްވީޓަށް ރައްދު ދެއްވައި މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޭގައި ހުންނަވަން ޖެހިވަޑައިގަތަސް، ވަޒީރުކަމުން ވަކިކުރެވިއަސް، އަދި މަގުމަތީގައި ސަލާން ޖައްސަވަން ޖެހިވަޑައިގަތަސް، ދެގޮތެއް ނުވެ ހުންނަވާނެ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، އެމަނިކުފާނު މިހާރުވެސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.

އިދިކޮޅާއި ގުޅުމަށް މަޚްލޫފަށް ނިހާން ގޮވާލެއްވި އިރު، އެ ދެބޭފުޅުންނަކީ އެކިއެކީގައި ސިޔާސީ ދާއިރާއަށް ނުކުންނެވި ދެބޭފުޅުންނެވެ. ދެ ބޭފުޅުންވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ޑީއާރްޕީންނެވެ. އޭގެ ފަހުން ޑީއާރްޕީ ދެބައިވެ، ޕީޕީއެމް އުފެދިގެން އައިއިރު، މަޚްލޫފާއި ނިހާން ވަނީ އެ ޕާޓީ ކޮޅަށް ޖެހުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ނިހާން ޕީޕީއެމްގައި ދެމިހުންނެވި ނަމަވެސް، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަޚްލޫފް ވަނީ ޕީޕީއެމް ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފެއްޓެވި ނަމަވެސް ވަރަށް ފަހަކާއި ޖެހެންދެންވެސް މަޚްލޫފް އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގެންފައެއް ނުވެއެވެ.

އިސްލާހަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތް މަޚްލޫފް މިހާރު ހުންނެވީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކޮށްފައެވެ. މަޚްލޫފް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ފައިސާއިން 33,000 ޑޮލަރު މަޚްލޫފަށް ލިބިވަޑައިގަތް ކަމަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން އެ މައްސަލަ ބަލާ ނިމެންދެންނެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި މަޚްލޫފް ވަނީ އެއީ އެމަނިކުފާނުގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތެއްކަން ހާމަކުރައްވައި، އެކަމާއި ގުޅޭ ލިޔެކިޔުންތައް ވެސް އާންމު ކުރައްވާފައެވެ.

އޭސީސީން ކުއްލި ގޮތަކަށް ގިނަ ބައެއްގެ ނަން ހިމަނައިގެން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅޭ ރިޕޯޓެއް އާންމު ކުރިއިރު، އެ ރިޕޯޓްގައި ނަން ހިމަނާފައިވާ އެންމެންނަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގައި ހިމެނޭ ބައެއްކަން ސާބިތު ނުވާކަމަށް ޚުދު އޭސީސީންވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް