Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 17:25
ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަމް ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަމް ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ސޯލިޙް
ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަމް އަދި މާފަރު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި
މިބައްދަލު ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި
ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް އަދި މާފަރު ކައުންސިލްގެ މެންބަރުންނާ އާދިއްތަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ނޮޅިވަރަމްގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އެގޮތުން، ރަށުގެ ބަނދަރު މިހާރު ތަރައްޤީ ކުރެވިފައިވާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގެ މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭނެ ބައެއް ޚާއްޞަ ކުރެވިފައި ނެތުމުން އެކަން ހައްލުކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ވަޞީލަތްތައް ރަށަށް ބޭނުންވާ ކަމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަމް ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަން ކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހާއި އެކު މާފަރު ކައުންސިލަރުން

މީގެ އިތުރުން އާދިއްތަ ދުވަހު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާފަރުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުމާއި، ރަށުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އެގޮތުން ރަށުގެ ބައެއް އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ބައެއް ޚިދުމަތްތައް ދެވެން ނެތްކަން ވެސް މާފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރިއެވެ.

ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅުކުރަން ޖެހިފައިވާކަން ފާހަގަކޮށް، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ.

މާފަރުގައި ކުށްކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަ ކުރައްވައި ރަށުގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ގޮތް ފަހިވުމަކީ ހުރިހާ ރައްޔިތުންގެ ވެސް އެދުމެއް ކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމުގައި ވިދާޅުވިއެވެ.

އަދި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި، މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަން ބައްލަވައި، އެ ކަންކަމަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް