Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 05:53
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެއެމްވީ
ޖޭޕީން ޕީޕީއެމް ޕީއެންސީއާ އެކު މަސައްކަތް ކުރަން
ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
ޕްރޮގްރެސިވް ކޯލިޝަނުގެ 32 ކެންޑިޑޭޓަކަށް ތާއިދު ކުރައްވާކަން އިއުލާން ކުރެއްވި
ޕްރޮގްރެސިވް ކޯލިޝަނުން ޖޭޕީން ވާދަކުރާ 32 ދާއިރާއެއްގެ ކެނޑިޑޭޓުންނަށް ތާއީދުކުރޭ
އެއްބަސްވުމަކަށް ނާދެވުނު 14 ދާއިރާއަކަށް ޖޭޕީން ވެސް އަދި ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވާދަކުރޭ

ސަރުކާރު ކޯލިޝަން އެބަ އޮތް ކަމަށާއި ނަމަވެސް މަޖިލިސް އިންތިހާބުގައި ތާއިދު ކުރައްވާނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން ނެރޭ ކެންޑިޑޭޓުންނަށް ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުގެ 32 ކެނޑިޑޭޓުންނަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މިއީ އެއްވެސް ލިޔެކިޔުމެއްގައި ސޮއި ކުރިވެގެން އާދެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، ހަމައެކަނި އެއް ޕާޓީން އަނެއް ޕާޓީން ވާދަނުކުރައްވާ ދާއިރާތަކުގެ ކެނޑިޑޭޓުންނަށް ތާއިދު ކުރައްވަން ނިންމެވީ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ކުރިޔަށް އޮތް މަޖިލިސް އިންތިހާބާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ޕީޕީއެމްއާއި ކޯލިޝަނެއް ހަދައިގެންނެއް ނޫން. ރައްޔިތުންގެ މަޖިލީހުން ގޮނޑިތައް ހޯދުމަށްޓަކައި، އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީތަކަކަށް ވީ ހިނދު، އެ ގޮނޑިތައް ލިބިގަތުމައްޓަކައި މެމްބަރުން މެމްބަރުންގެ މެދުގަ ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ޕާޓީތަކުގެ ލީޑަރުންނާ ހަމައަށް އާދެވުނީ" ގާސިމް ވިދާޅުވިއެވެ.

ޖޭޕީއާއި ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެވިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ޖަލަށް ގެންދިޔުމުގެ ކުރިން ކަމަށް ވެސް ގާސިމް ހާމަކުރެއްވިއެވެ.

"ރައީސް ޔާމިން ޖަލަށް ލުމުގެ ކުރިން މިކަން އޮތީ އެއްބަސްވެ ނިމިފައި. މިއަދު އެވާހަކަ އެބޭފުޅުން އިސްވެ އިއުލާންކޮށް އަޅުގަނޑުމެންނަށް ތާއިދުކުރެއްވީމަ، އަޅުގަނޑުމެން ވެސް ޖެހޭ އެބޭފުޅުންނާ އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ގެންދަން. އެއްބަސްވުމޭ މިދެންނެވީ މިދެންނެވި ގޮތަށް. ލިޔެ ސޮއިކޮށްފައިވާ ލިޔުމެއް ނެތް" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުގެ މެމްބަރުންނަށް ތާއިދުކުރައްވަން ނިންމެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ހުރިހާ ދާއިރާއަކަށް ކުރިމަތިލެއްވުމުން ކަމަށާއި މިކަމާ ގުޅޭގޮތުން ހަތަރު ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުން ވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުން ކަމަށެވެ.

ހޮނިހިރު ދުވަހު އޮތް ބައްދަލުވުމުގައި ޖޭޕީން ވަނީ ހަތަރު ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުންތަކުގެ ތަފްސީލު ވެސް ހާމަކުރައްވާފައެވެ. ޕީޕީއެމް/ޕީއެންސީ މެމްބަރުން ހޮވައި ދެއްވުމަށް އެ މަނިކުފާނު މަސައްކަތް ކުރެއްވި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަން ރޫޅުނީ ކަމަށް ގަބޫލުފުޅު ނުކުރައްވާ ގާސިމް ވިދާޅުވި އެވެ. 

އެއްބަސްވުމާ ހިލާފުވީ އެމްޑީޕީން ކަމަށާއި، ކަންތައްތައް މި ހިސާބަށް ދާން މެދުވެރިވީ އެއްބަސްވުމުގައި އޮތް މާއްދާއަކާއި އެމްޑީޕީން ހިލާފުވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދުކުރެއްވުމަށް ނިންމެވި ނިންމެވުން ދިފާއުކުރެއްވައި ގާސިމް ވިދާޅުވީ ގުޅިގެން ސަރުކާރެއް އުފެއްދުމަށް ވި އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވިޔަސް، އެ ކޯލިޝަން ނުރޫޅޭނެ ކަމަށެވެ. 

"އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާކަށް ނެތިން ކޯލިޝަން އެއްބަސްވުމެއް ނެތެކޭއެއް. އެ އެބައޮތް. އެއާ ހިލާފުވީ ވަކި ބައެއް. މިބުނަނީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތަކުގެ ވާހަކަ،" ގާސިމް ވިދާޅުވިއެވެ.

ޖޭޕީން ހާމަކުރި ހަތަރު ލީޑަރުންގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ސަރުކާރުގެ މަގާމުތައް ބެހިފައިވާ އުސޫލާ އެއްގޮތަށް މިފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދި 2020ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި މަސައްކަތް ކުރާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާއެއް ހިމަނާފައިވެއެވެ. ނަމަވެސް މީގެ ކުރިން އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވެފައި ވަނީ މި އިންތިހާބުތަކުގައި އެކުގައި މަސައްކަތް ކުރަން އެއްބަސް ވިޔަސް، ގޮނޑިތައް ބަހާނެ އުސޫލަކާއި މެދު އެއްބަސްވެވިފައި ނޯންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 މާރޗް 2019 | ހޮނިހިރު 21:24
ނާޑޫޥާ
މިމާ އެއްލާލެވޭކަށް ނެތް، އެމާ ނުބިނދެވާކަށް ނެތް، ދެމާ އެކުގާ ލިބޭކަށްނެޔް ދިމާގު ސަލާމަތްވާކަށް ނެތް.