އައިޓީބީގެ ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ މިއުޒިކް ބޭންޑެއް ކަމަށް އިކުއެޓިކް ވައިބް ބޭންޑުން "މަގޭ ރާއްޖެ"ގެ ނަމުގައި ހާއްސަ ލަވައެއް ލޯންޗުކޮށްފިއެވެ.
މި ލަވައިގެ ތެރެއިން ދައްކުވައިދެނީ ރާއްޖޭގެ ރީތި ހިތްގައިމު މަންޒަރުތަކެވެ. ލަވައިގެ ޅެން ބޭންޑްގެ މެމްބަރު ޝަމްއޫނު މުހައްމަދު ހަދާފައިވާއިރު ލަވައިގެ ރާގަކީ އަމިއްލަ ރާގެކެވެ. މި ލަވައިގެ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ރާއްޖޭގެ ރަށްތައް ކަމުގައިވާ އައްޑޫ ސިޓީ އާއި އއ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގައެވެ.
ފެއަރ އަށް ޒިޔާރަތްކުރި ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައިވާއިރު ލަވައިގެ މަސައްކަތް އެއްކޮށް ނިންމާލުމަށްޓަކައި ތިން މަސް ހޭދަވި ކަމަށް އެ ބޭންޑުން ބުންޏެވެ.
"މި ލަވަ ބޮޑަށް ސިފަކޮށްދީފައިވާނީ ދިވެއްސެއްގެ ލޮލުން. ޅެމުގައި ބޭނުންކުރީ ގިނަ ދިވެހިންނާއި ރަށްޓެހި ބަސްތައް. މި ލަވައަކީ ކޮންމެ ދިވެއްސެއް ވެސް ފަހުރުވެރިވާނެ ލަވައެއްކަން ޔަޤީން،" ބޭންޑްގެ މެމްބަރު ޝަމްއޫނު ބުންޏެވެ.
އެހެން ލަވަތަކާ ހިލާފަށް މި ލަވައިގައި ބޮޑަށް ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުގެ ނަލަ މަންޒަރުތަކެވެ. ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކާއި ރަށްތަކުގެ ފަޅާއި ފަރުގެ ދިރުން މި ލަވައިން ވަރަށް ބޮޑަށް ފެނިގެންދެއެވެ.
އިކުއެޓިކް ވައިބް ބޭންޑަކީ މީގެ ކުރިން ވެސް އައިޓީބީ ފެއަރގައި ރާއްޖެ ތަމްސީލު ކޮށްފައިވާ ބޭންޑެކެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނޭއިރު ބޭންޑު އުފައްދާފައި ވަނީ 2010 ވަނަ އަހަރުއެވެ. މި ބޭންޑަކީ އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ބޭންޑެކެވެ.