Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 14:33
ހެލްމެޓް
ހެލްމެޓް
މުހައްމަދު ޝަރުހާން
ހެލްމެޓް
ބާރަށް ދުއްވަން ހުއްދަ ދީފައިވާ ތަންތަނުގައި މާދަމާއިން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރު!
30 ކިލޯ މީޓަރަށް ވުރެ ބާރަށް ހުއްދަ ދީފައިވާ ތަންތަނުގައި ހެލްމެޓް އަޅަންޖެހޭ

މި މަހުގެ 10 ވާ އާދީއްތަ ދުވަހުން ފެށިގެން 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަ ދީފައިވާ ތަންތަނުގައި ހެލެމެޓް އަޅަން މަޖުބޫރުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީ ރާއްޖެއެމްވީ އަށް ވިދާޅުވީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަކާ އެކު، 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގެ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާ ނަމަ ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ވެސް މިނިސްޓްރީން ނިންމި ގޮތަށް ހެލްމެޓް އަޅަން މަޖުބޫރު ވާނެ މިރޭގެ 00:00 އިން ފެށިގެން. އެއީ 30 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައިވަނީ ސިނަމާލެ ބްރިޖް، އައްޑޫ ސިޓީގެ ލިންކްރޯޑް އަދި ލ. އަތޮޅުގެ ލިންކްރޯޑަށް," ޝިމާޒު ވިދާޅުވިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހެލްމެޓް އެޅުވުމަށް އަހުލުވެރިކުރުވުމަށްޓަކައި މީގެ ކުރިން ކޯސް ހިންގައި، އާންމުންނަށް ހެލްމެޓް ބަހާފައެވެ. މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި 5،000 ހެލްމެޓް ބެހުން ހިމެނެއެވެ.

ރާއްޖޭގައި ބޭނުން ކުރެވޭނެ ހެލްމެޓްގެ ޝަރުތުތައް ހާމަކޮށްފައިވާއިރު ހެލެމެޓްގައި ހަތް ޝަރުތެއް ހަމަވާން ޖެހެއެވެ.

1. ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން
2. ދަތްދޮޅިދަށުން ހަރުކުރެވޭ ގޮތަށް ހާއްސަ ކަމަރެއް ހުރުން
3. ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި ތޫނު އެއްޗެއް، ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނުވުން
4. ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުން
5. ހެލްމެޓުގެ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުން.
6. ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުން
7. ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުން

ހެލްމެޓްގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ގަވާއިދާ ހިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500ރ. އިން ދެވަނަ ފަހަރު 750ރ. އިން އަދި ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް