Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 12:50
އިލްޔާސް ލަބީބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
އިލްޔާސް ލަބީބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އައްޑޫ ސިޓީ
ހުޅުމީދޫއަށް ބޭރުން ގެންނަންޖެހޭ ބަޔަކު ނެތް، ރަށަށް ގެންނަންވީ ރައްޔިތުން: ރައީސް
ހުޅުމީދޫ ޓޫރިޒަމަށް ފައްކާ ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި
ތަރައްގީ ކުރުމުގައި ހުޅުމީދޫއަށް ހާއްސަ ގޮތްތަކެއް ހަދަންޖެހޭ ކަމަށް ވިދާޅުވި
ރައީސްގެ ބައިވެރިއެއްގެ ގޮތުގައި އިލްޔާސް ހޮވައިދޭން އެދިވަޑައިގެންނެވި

އިލްމީ ގާބިލު ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީ ހުޅުދޫމީދޫއަށް ބޭރުން ގެންނަންޖެހޭ ބަޔަކު ނެތް ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުން އަނބުރާ އެ ރަށަށް އައިސް ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަށް ނިސްބަތްވާ ޑޮކްޓަރުންނާއި ގާނޫނީ ވަކީލުންގެ އިތުރުން އިލްމީ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އެ ރަށުގެ ތަރައްގީއަށް ރަށުން ބޭރުން ގެންނަންޖެހޭނެ ބަޔަކު ނެތް ކަމަށާއި އަމާޒަކީ އެފަދަ އިލްމީ ބޭފުޅުން އެ ރަށުގެ ތަރައްގީއަށްޓަކާ އެ ރަށަށް އެނބުރި އައިސް، މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އަނބުރާ އެ ބޭފުޅުންނަށް ރަށަށް އައިސް، މިތަނުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހަދަން. އެބަ ހުރި ފްލެޓުތަކެއް ހަދާފައި. ކާކުތޯ އަންނާނީ އެތަނަށް، މިތަނުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތިއްޔާ. އަޅުގަނޑުމެން އެބަޖެހޭ އެއާ ދޭތެރޭގައި ވިސްނަން،" ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް ހުޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވިއެވެ.

"މި ރަށުގެ ރައްޔިތުން އަނބުރާ މި ރަށަށް އައިސް ދިރިއުޅެވޭނެ ގޮތްތަކެއް ހަދައި ދިނުމަށްޓަކާ މަސައްކަތްތަކެއް އެބަޖެހޭ މިތާ ފެއްޓެން. ޑޮކްޓަރުން އެބަ ތިއްބެވި. ޓީޗަރުން އެބަ ތިއްބެވި. ގާނޫނީ ވަކީލުން އެބަ ތިއްބެވި. މި ރަށަށް މި ރަށުގެ ތަރައްގީއަށްޓަކާ ބޭރުން ގެންނަންޖެހޭނެ އެއްވެސް މީހަކު ނެތް. އަމިއްލައަށް އޭގެ ޒާތުގައި ދިރިއުޅެވޭ ކަމަށްވަންޏާ، ކުރިއަށްދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަ ކުރެއްވިއްޔާ، މި ރަށުގައި އެކަން ފަހިކޮށްދިނުން."

އައްޑޫ ސިޓީގެ އެހެން ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ތަރައްގީ ކުރުމުގައި ހާއްސަ ގޮތްތަކެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސިޓީ ކައުންސިލްގެ ހިދުމަތްތަކާއި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކާއި މަގުތަކާއި ބަނދަރު ހަދައި ހުއްޓިފައިވާ އެ ރަށުގެ މިފްކޯ މަސް ފެކްޓްރީގެ ހިދުމަތް ފަށަންޖެހޭ ކަމަށެވެ.

ހުޅުމީދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަކީ ދިރުއުޅެން ބޭނުން ނުވާތަނަކަށް ވަންޏާ، އެތަން ބޭނުން ކުރެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފްލެޓްތައް ގެސްޓްހައުސެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ހުޅުމީދޫއަކީ ޓޫރިޒަމަށް ފައްކާވެފައި އޮތް ރަށަކަށް ހެދުން ކަމަށެވެ.

"ފްލެޓުތަކަކީ ދިރިއުޅެން ބޭނުން ނުވާ ތަނަކަށް ވަންޏާ، އޭގެ ބޭނުން އެހެން ގޮތަކަށް ހިފޭނެ ގޮތް އެބަޖެހޭ ހަދަން. ގެސްޓްހައުސް އެޅިދާނެ. މިއީ ކުރެވިދާނެ ކަންތައް. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން މި ދަނީ ވިސްނަމުން. އިރާދަ ކުރެއްވިއްޔާ މި ރަށަކީ ގެސްޓްހައުސާއި ޓޫރިޒަމަށް ފައްކާވެފައި އޮތް ރަށަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ހުޅުމީދޫ ދާއިރާއަށް ވާދަ ކުރައްވާ އިލްޔާސް ލަބީބު މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ އިލްޔާސަކީ އެމަނިކުފާނުގެ ބައިވެރިއެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބު ކުރަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިލްޔާސަށް ދޭ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއް ނޫން ކަމަށެވެ.

އިލްޔާސް ލަބީބު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމީދޫ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި އިލްޔާސް ނާކާމިޔާބުވެވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އާ ވާދަ ކުރައްވައި 109 ވޯޓުގެ ތަފާތުންނެވެ. އިލްޔާސަށް އެފަހަރު ލިބިވަޑައިގެންނެވީ 943 ވޯޓެވެ. ޝާޑު ވަނީ 1052 ވޯޓު ހޯއްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް