Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 13:48
ރައީސް ނަޝީދު އިލްޔާސް ލަބީބުގެ ކެމްޕެއިން ހަފްލާގައި ވާހަކަދައްކަވަނީ
ރައީސް ނަޝީދު އިލްޔާސް ލަބީބުގެ ކެމްޕެއިން ހަފްލާގައި ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތްތަކުން ބަޢާވާތް ކުރާނެ ގޮތް ރައީސް ނަޝީދު ވިދާޅުވެއްޖެ
ކުރިޔަށް އޮތް 5 އަހަރު ސަރުކާރު ދަމަހައްޓާނަން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ނުލިބިެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން ބަޢާވާތްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލާނެ ގޮތް ތަފްސީލްކޮށް ރައީސް ނަަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕެއިން އިފްތިތާހުކުރަމަށް ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެންވެގެން މިހާރު އޮތް ސަރުކާރު ދެމެހެއްޓުމަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖލީހުން މެޖޯރިޓީ ދޭޏްޖެހޭ ކަމަށާއި އެހެން ނޫނީ މާޒީގައި ވެގެންދިޔަ ގޮތަށް، ބަޢާވާތްކޮށް ސަރުކާރު ބަދަލުކުރާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބެއްޖެ ނަމަ ކަންތައް ވާނެ ގޮތް ތަފްސީލް ގޮތެއްގައި ވިދާޅުވެފައެވެ. އެގޮތުން ވަޒީރުން އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ދުރުކޮށް ސަރުކާރު ހިންގުމަށް ދަތިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވައުދުތައް ފުއްދުމަށް ހުރަސްއަޅައި ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހޯދުމަށް ދަތިކޮށް މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލުވައިލާނެ ކަމަށާއި މިކަމުގެ ނަތީޖާއަކަށް ސަރުކާރު ބާރެއް ނެތްކަމުގައި އެ ފަރާތްތަކުން ދެކި ފަނޑިޔާރުންނާއި މުސްތަގިއްލު މުއައްސަސާތައް ނެތިގޮސް ފުލުހުންނާއި ސިފައިންގެ ވެސް އިތުބާރު ގެއްލި ބަޢާވަތައް ފަރިތަ ބޭފުޅުން ރިޝްވަތުގެ ކަޅު ފައިސާ އެކި މުއައްސަސާތަކަށް ދީ ސަރުކާރު ބަދަލުކޮށްލާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އެންމެ ފުރަތަމަ އަޢުލަބިއްޔަތު ނެތީމައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ. އެކަން ކުރުމަށް ފަހުގައި ދެން ސަރުކާރު ހިންގުމަށް ދަތިކޮށް އެކި ޕްރޮޖެކްޓް ހިންގުމަށް ފައިސާ ދަތި ކުރަން ފަށަނީ. އެގޮތަށް ކަންތައް ވީމައި މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލެނީ. އެ ބޭފުޅުން ދެކެވަޑައިގަންނަވަން ފައްޓަވަނީ ސަރުކާރަކީ ބާރެއް ނެތް ބަޔެކޭ ސަރުކާރަށް ވާނޭ ކަމެއް ނެތޭ. ދެން އަޅުގަނޑުމެންނަށް ފެނިގެންދަނީ ފަނޑިޔާރުން އެ މަގަށް މަސަތްކުރާ ތަން. ފަނޑީޔާރުންނަށް ފެނިވަޑައިގަންނަވަނީ ސަރުކާރުގެ އަޣުލަބިއްޔަތެއް ނެތް މަޖިލީހެއްގައި ސަރުކާރާއި އެކުގައި ތިބުމުގެ ވިސްނުން ނުގެންގުޅޭ. ނަތީޖާއަކީ ހުކުމްތައް ވެސް ސިޔާސީ ކުލަވަރު ޖެހި ބަދަލުވެގެން ދިޔުން. ފަނޑިޔާރުންނާއި މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ގެއްލުނީމައި ފުލުހުންނާއި ސިފައިންގެ ވެސް އިތުބާރު ގެއްލެނީ. އެހެން އެކަންވީމައި ބަޢާވާތަށް ފަރިތަ ބޭފޫޅުން ރިޝްވަތުގެ ހުތުރު ފައިސާ އެކި މުއައްސަސާތަކަށް ހަރަދުކުރަން ފައްޓަނީ. ފުލުހުންނަށް ވެސް ސިފައިންނަށް ވެސް މަޖިލީހުގެ މެމްބަރުންނަށް ވެސް. އެ ފައިސާގައި އެންމެން ޖެހި ސަރުކާރު ބަދަލުކޮށްލަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންނާއި މުހާތަބްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރު ވެރިކަމުގައި ދެމިތިބޭނެ ކަމަށާއި ރައީސް ސޯލިހުގެ ރިޔާސަތު ހިންގަމުންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ބަދަލު ދާއިރާއަށް ގެނެވޭނީ އިލްޔާސް ލަބީބް ފަދަ ބޭފުޅުން މަޖިލީހުގައި ތިއްބެވުމުން ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިލްޔާސް ލަބީބަކީ މެނިފެސްޓޯ އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށާއި އެއީ އެ ދާއިރާއަށް ލިބުނު "ރަންމަލެއް، ޖަވާހިރެއް" ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް