Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 10:45
އިބްރާހިމް މުހައްމަދު ދީދީ މަޖިލިހުގައި ވާހަކަފުޅު ދައްކަވަނީ: މި ފަހަރު ޓިކެޓް ލިބިވަޑައިގެންފައެއް ނުވޭ
އިބްރާހިމް މުހައްމަދު ދީދީ މަޖިލިހުގައި ވާހަކަފުޅު ދައްކަވަނީ: މި ފަހަރު ޓިކެޓް ލިބިވަޑައިގެންފައެއް ނުވޭ
ޕީޕަލް މެގަޒިން
އެޖެންޑާ 19 އައްޑޫ ބޮޑު ޖަލްސާ
ދެ ހެލިކޮޕްޓަރާ ޖެހިގެން ސަރުކާރު ނުހިންގޭ ހިސާބަށް ކަންކަން ދާކަށް ބޭނުމެއް ނޫން: އިބްރާހިމް މުހައްމަދު ދީދީ
ވެރިކަން ކުރަން ފުރުސަތު ދެއްވުމަށް އިދިކޮޅަށް ވެސް ގޮވާލެއްވި
ގާނޫނީ އިމުން ބޭރު ނުވާހާ ހިނދަކު މަޖިލިހުގެ އެއްބާރުލުން ރައީސްއަކަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވި

ދެ ހެލިކޮޕްޓަރާ ޖެހިގެން ސަރުކާރު ނުހިންގޭ ހިސާބަށް ކަންކަންދާން ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި "އެޖެންޑާ 19 އައްޑޫ ސިޓީ" ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ރައީސް ސޯލިހަށް ހެޔޮ ވެރިކަމެއް ކުރުމުގެ ފުރުޝަތު ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ކުރީގެ ސަރުކާރުގެ ބޭފުޅުން ވެސް މަގުފަހިކޮށްދެއްވަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު މި ފެންނަނީ، ރައީސް ސޯލިހުގެ ސަރުކާރަށް ތިން މަސް ވެސް ނުވަނީސް އެ ވެރިކަން ނިމުމަކަށް ގެންނަން ބަޔަކު މަސައްކަތް ކުރާތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން ރައީސް ކަންތައް ކުރައްވާހާ ހިނދަކު، ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް އެ ފުރުޝަތު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އެ މަނިކުފާނު (ރައީސް ސޯލިހު) މި ގައުމުގެ ވަލިއްޔުލްއަމުރަކަށް ވެވަޑައިގެން ފަހުން އަދި ކިރިޔާ މިވީ ތިން މަސް ދުވަސް. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން އަޑު އަހަމުން މިދަނީ އަނެއްކާވެސް މީގެ ހަތް އަހަރު ކުރިން އަޅުގަނޑުމެން ދެކުނު ނާމާން ދުވަސްތަކަށް މަގުފަހި ވެގެން ދާކަހަލަ ފާޑު ފާޑުގެ އަޑުތައް" އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، އޭރު ދީނާ ގައުމޭ ކިޔައިގެން އުޅުނު މީހުން މި އުޅެނީ އަނެއްކާވެސް މަސައްކަތް ކުރަމުން މިދަނީ ދެ ހެލިކޮޕްޓަރޭ ކިޔައިގެން ވެރިކަން ނިގުޅައިގަތުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން އެހެން ގައުމުތަކާ އެކު ހާރިޖީ ގުޅުން ބަދަހި ކުރުމުގެ ބާރު ރައީސްއަށް ދެއްވީ، ގައުމަށް ނުރައްކާ ވާނީ ކޮންކޮން ކަންތައްތަކެއްތޯ ނިންމެވުމުގެ ގާބިލުކަން ހުންނެވީމާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގައި ގައުމީ ސަލާމަތަށް އަސްލު ނުރައްކާވާ ކަމަކީ، ދެތިން މީހަކު ބޭނުންވާ ގޮތަށް ރައްޔިތުންގެ ނަމުގައި ކަމަށް ބުނެ އެ ސިޔާސަތުތައް ބައްޓަން ކުރަން އުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބުރާހިމް މުހައްމަދު ދީދީ ވިދާޅުވީ މަޖިލިސް ހޮވިފައި ވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށް މަސައްކަތް ކުރާ ސަރުކާރެއް ދިފާއުކުރަން ކަމަށާއި، ސަރުކާރު ނުހިންގޭ ހިސާބަށް ކަންކަން ދޫކޮށްލުމަށް ނޫންކަމަށެވެ. އޭނާ ވަނީ ރައީސްއަށް ވެރިކަން ކުރެވޭ ގޮތަށް ހުރިހާ ރައްޔިތުން ވެސް ވޯޓުދެއްވަން އެދިވަޑައިގެންފައެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ހިންގޭނެ، ރައީސުލްޖުމްހޫރިއްޔާ ތާއިދުކުރައްވާނެ ރައްޔިތުންގެ މަޖިލިހެއް އޮތުން. އަޅުގަނޑު ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މިދަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ވެރިިކަން ކުރެއްވޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތައް، އެ މަނިކުފާނަށް އިތުބާރު ކުރެވޭ ގޮތަށް، ގާނޫނާ ގަވައިދުގެ ތެރެއިން ވެރިކަން ކުރެއްވޭނެ ގޮތަށް މަޖިލިސް ހޮވައިދެއްވާށޭ" އިބުރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ.

ދީދީގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާއާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ހެލިކޮޕްޓަރެކެވެ. އަދި އަނެއް ހެލިކޮޕްޓަރަކީ ރައީސް ޔާމިން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ހެލިކޮޕްޓަރެކެވެ. އަދި ފުރަތަމަ ގެނައި ހެލިކޮޕްޓަރުގެ އެއްބަސްވުން ރައީސް ވަހީދާއި ރައީސް ޔާމިން ވެސް އާކުރައްވާފައިވާ ހާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ބޭނުންނުހިފޭ ކަމަށް ބުނެ މި ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ޔާމީން ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި ވެސް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް