Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 00:21
އައްޑޫ ސިޓީ އެޖެންޑާ 19 ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ
އައްޑޫ ސިޓީ އެޖެންޑާ 19 ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ
ހައްވާ މުހައްމަދު
އެެޖެންޑާ 19
އައްޑޫ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މަޝްުރޫއެއް އެކުލަވާލައި ނިމިއްޖެ: ރައީސް
އައްޑޫސިޓީގައި 200 މީހުންގެ ޖާގައިގެ އިސްލާމިކް ސެންޓަރެއް އަޅުއްވަދެއްވާނެ ކަމަށް ވިދާޅުވި
އައްޑޫސިޓީއަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި

އައްޑޫ ސިޓީގެ ތަރައްގީގެ 5.3 ބިލިޔަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެއް އެކުލަވާލައި ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެކުލަވާލާފައިވާ ބިޔަ ބޮޑު މަޝްރޫއަކީ ފަސް އަހަރަށް ދިގު ދެމިގެންދާނެ ބިޔަ ބޮޑު މަޝްރޫއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް "އެޖެންޑާ 19 އައްޑޫ ސިޓީ"ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީ ތަރައްގީގެ ބިޔަ ބޮޑު 5.3 ބިލިޔަން ރުފިޔާގެ މަޝްރޫއުގައި ހިމެނޭ ކަންތައްތައް އިއުލާން ކުރައްވާފައެވެ.

 އެގޮތުން މަގު ހެދުމާއި، މަސް ބަނދަރު ހެދުމާއި،ކަރަންޓް ކެނޑޭ މައްސަލައަށް ހައްލު ހޯދުން ހިމެނޭ. މީގެ އިތުރުން ސްވިމިން ޕޫލެއް އެޅުމާއި،ސްޓޭޑިއަމެއް އެޅުންވެސް ހިމެނޭ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫސިޓީއަކީ ވަރަށް ޚާއްސަ ތަނެއް ކަމަށާއި، މާލެ ސިޓީއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތީ އައްޑޫ ސިޓީގައި ކަމަށެވެ. އައްޑޫއަކީ ތަރައްގީ ކުރެވެން އޮތް، ތަރައްގީ ކުރެވޭނެ ސިޓީއެއް ކަމަށާއި، އައްޑޫ ސިޓީގެ ތަރައްގީގެ ގިނަ ތަސައްވުރުތަކެއް އެބަ އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީއަކީ ޑްރަގުގެ ވަބާ އިންތިހާއަށް ފޯރާފައިވާ ސިޓީއެއް ކަމަށާއި، މި ކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މިހާތަނަށް ރާއްޖޭގައި އިމާރާތް ކުރެވޭނެ އެންމެ ބޮޑު ޑްރަގު ރިހިބިލިޓޭޝަން ސެންޓަރު އައްޑޫ ސިޓީގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގައި އިސްލާމިކް ސެންޓަރެއް ގާއިމު ކުރައްވާނެ ކަމަށާއި، އެއީ 200 މީހުންގެ ޖާގައިގެ ސެންޓަރެއް ކަމަށާއި، އެ ސެންޓަރުގައި ލައިބްރަރީއެއްގެ އިތުރުން ކޮންފަރެސް ހޯލެއް ހިމެނޭނެ ކަމަށެވެ.

އައްޑޫ ސިޓީ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލަށް މަންފާ ލިބޭނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން ކައުންސިލްތަކަށް މަންފާ ލިބޭނެ ގޮތްތަށް ހެދުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާ އިސްލާހުތައް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަށެއް މާރޗަކީ ބައިނަލް އަގްވާމީ ގޮތުން ފާހަނގަކުރާ އަންހެނުންގެ ދުވަސް ކަމަށް ވާތީ، އަންހެނުންގެ ދުވަހުގެ ތަހްނިޔާ ރައީސް ވަނީ ހުރިހާ އަންހެން ކަނބަލުންނައް ދަންނަވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކައުންސިލްތަކުގައި އަންހެނުނަށް ވަކި މިންވަރަކަށް ގޮނޑި ޚާއްސަ ކުރެވޭ ގޮތަށް ބަދަލުގެންނަވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ސަރުކާރުން 100 ދުވަހުގެ ވައުދުގެ ތެރޭގައި ރައްޔިތުންނަށް ވެ ވަޑައިގެންނެވި ގިނަ ވައުދުތައް މިހާރުވެސް ފުއްދަވައިދެއްވާފައިވާ ކަން ރައީސް ވަނީ ފާހަނގަކުރައްވާފައެވެ.

"ދެވަނަ ޓާރމް ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލަކުން ހެނދުނުގެ ނާސްތާ ލިބިގެންދާނެ. މީގެ އިތުރުންކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ދޭން ނިންމާފައިވާ އެސްއެމްއީ ލޯން ކުރިއަށް އޮތް ހަފްތާގައި ދޭން ފަށާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެޖެންޑާ 19އަކީ ރައްޔިތުންގެ މަޖިލިސް ހިނގަންޖެހޭ ގޮތަށް ތައްޔާރުކޮށްފައި އޮތް ދެލި ކޮޕީއެއް ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ ތިލަފަތަށް ވޯޓެއް ދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް