Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 12:14
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
މާލޭ ސާފުކުރުން
މާލޭ ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
އާއްމުން ވެސް ވަނީ ބައިވެރިވެފައި

އެމެރިކަން ސެންޓާ ފޯ ޔޫތް އާއި މަޖީދިއްޔާ ސްކޫލު ގުޅިގެން ކުރިޔަށް ގެންދާ ސާފު ކުރުމުގެ ޕްރޮގްރާމްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ހަފްތާ ބަންދުގައި ބާއްވަމުން ގެންދާ މިހަރަކާތުގައި މިފަހަރު ސާފުކޮށްފައި ވަނީ އެމްޓީސީސީ ޓާމިނަލް ފުރަގަހުގައި އޮންނަ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދެވެ. އެގޮތުން އެ ސަރަހައްދުން ގިނަ ކުނިތަކެއް ނަގާފައިވާ ކަމަށް ހަރާކާތުގައި އަމަލީ ގޮތުން ބައިވެރިވެވެޑައިގަތް ރައީސް ނަޝީދު ވިދާޅުވިއެވެ.  

އާއްމުންގެ ގިނަ ބަޔަކުވެސް ބައިވެރިވި މިހަރަކާތާއި ބެހޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ސަރަހައްދަށް އަޅާފައިވަ ގިނަ ކުންޏަކީ އާއްމު ރައްޔިތުން އަޅާފައިވާ ކުންޏެއް ނޫން ކަމަށާއި، އެއީ ސަރުކަރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ ކުނިތައް ކަމަށެވެ.

 ''މިތާ އެބަހުރި އެންކަ ބޯޑުވެސް ހައެއްކަ ޕެކެޓް ހަމަ ހުރި ގޮތަށް. ދަގަނޑު ހޮޅި އެވެސް އެބަހުރި ބަންޑެލި ބަންޑެލި ހުރިގޮތަށް. ކޮންކްރިޓް ދަގަނޑުވެސް އެބަހުރި ބަންޑެލި ބަންޑެލި ހުރި ގޮތަށް. އެއޯތީ ބީއެމްއެލްގެ ބޮޑު ސިންގާ ކުނިގަނޑެއް. އެމީހުންވެސް އެއޮތީ މިތަނަށް އޮތް ގޮތަށް ގެނެސް އެއްލާލަފައި'' ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދަމުން ނަޝީދު ވިދާޅުވިއެވެ.

މިފަދަ ތަންތަން ދާއިމީ ގޮތަކަށް ސާފުކޮށް ދެމެހެއްޓުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުނި ނޭޅޭ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ކުނި ސާފުކުރުމުގެ ހަރަކާތް އިންތިޒާމް ކުރުމުގައި މަޖީދިއްޔާ ސްކޫލުގެ ފަރާތުން ބައިވެރިވި މުހައްމަދު އުލްވާން މުއާޒް ބުނީ، މި ޕްރޮގްރާމް އަކީ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި، ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ކުނި ނައްތާލެވިފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުން ފެށިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމް ކޮންމެ ހަފްތާއެއްގައި ސާފު ކުރަނީ ވަކި ސަރަހައްދު ތަކެއް ކަމަށް އޭނާ ބުންޏެވެ.  

'' އަޅުގަނޑުމެން މި އަހަރުގެ ފުރަތަމަ ކްލީން އަޕް ބޭއްވުނީ 8 ފެބްރުއަރީގައި. އެ ދުވަހުވެސް އަޅުގަނޑުމެންނަށް 60 ވޮލެންޓިއާސް އަކާއިއެކު ނެގުނު 400 ކޮންމެވެސް ވަރެއްގެ ކިލޯގެ ކުނި. ދެން ބޭއްވިގެން ދިޔައީ ހުޅުމާލެ އާއި މާލެއާއި އެއްކޮށްކްލީން އަޕެއް. އަޅުގަނޑުމެން ނެގިން އެއް ޓަނު ކުނި'' އުލްވާން ބުންޏެވެ.

އަދި އޭގެ ފަހުން ރާޅުގަނޑު ސަރަހައްދު ވެސް ސާފުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އުލްވާން ބުނީ، ކުނި ނެގުމުގެ ކަންތައްތަކުގައި ވެމްކޯގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

  ކުނި ނެގުމުގައި ހަރަކާތްތެރިވި މާލޭގެ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެތެރެ ވެސް އެންމެ ހިތްހަމަ ޖެހޭވަރަށް ސާފު ނުވާކަމަށާއި، އަދިވެސް ކުނި ގިނަ ވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

 ''ސިނގިރޭޓި ބަޑްސްތައް ބައިވަރު. ހުސްކުރި ފުޅިތަކާއި ދަޅުތައް ހަމަ އަތަށް ހޫރާލަފަ އޮތްތަން މި ފެންނަނީ. މީ ވަރަށް ހިތާމަވެރި މަންޒަރެއް. ތިމާގެ ނަފްސު  ތަރައްގީ ނުވާކަން ނުވަތަ ގައުމު އަދި ތަރައްގީ ނުވާކަން މި ދައްކުވައިދެނީ... މިކަން ކަން ހުއްޓުވުމަށްޓަކައި ހުރިހާ ބޭފުޅުންވެސް މިކަން ކަމުގައި ބައިވެރިވެ ދެއްވާ ބިން މައްޗަށް އެތެއްތި ނުއުކުމަށް  އަޅުގަނޑު އިލްތިމާސް ކުރަން'' ޝިފާ ވިދާޅުވިއެވެ.

މާލެ މޭޔަރު ވިދާޅުވީ ބަޔަކު ކުނިއަޅާތަން ފެންނަ ނަަމަ އެކަން ނުކުރުމަށް ބުނަން ހުރިހާ ބޭފުޅުންވެސް ކެރެން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް