Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 09:35
ރޭ ބޭއްވި ޖަލްސާގެ ތެރެއިން
ރޭ ބޭއްވި ޖަލްސާގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
ސިފައިންނަކީ ކެރިގެން ސާބިތުކަންމަތީ ދެމިއޮތް ބަދަހި ލަޝްކަރެއް:ޝަމާލް
އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި، ފުރާނަ ދޭންޖެހުނު ކަމުގައި ވިޔަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެ

ދިވެހި ސިފައިންނަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެ ބަދަހި ލަޝްކަރެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ސިފައިންގެ އިސްތިރާޖީ ޕްރިއޮރިޓީތަކާ ބެހޭ ގޮތުން ސިފައިންނާ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ޖަލްސާގައި ސިފައިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް ޤާނޫނީ ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި، ފުރާނަ ދޭންޖެހުނު ކަމުގައި ވިޔަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މި ޖަލްސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ސިފައިންނާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި، ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުންނާއި، ޒަމާނީ ޕްރޮފެޝަނަލް ފޯސްއަކަށް އެމްއެންޑީއެފް ހެދުމަށް ޓަކައި މުއައްސަސާ ރިފޯމްކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސިފައިންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކުގެ މައްޗަށާއި، ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ސިފައިންނާ ބައްދަލުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް