Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 17:41
މާފުށީ ކައުންސިލާއި އިދާރާތަކުގެ އިސްވެރިންނާ އެކު ރައީސް ބޭއްވެވިި ބައްދަލުވުމުގެ ތެރެއިން
މާފުށީ ކައުންސިލާއި އިދާރާތަކުގެ އިސްވެރިންނާ އެކު ރައީސް ބޭއްވެވިި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ކައުންސިލްތަކާ ބައްދަލުކުރެއްވުން
މާފުށީ ކައުންސިލާއި އެރަށު މުޢައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ހިއްސާ ކުރެއްވި
މާފުށީގެ އިދާރާތަކުގެ އިސްވެރިންނާއި ކައުންސިލުން އެދުނު ކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކ. މާފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފުށީ ކައުންސިލްގެ މެންބަރުންނާ އެރަށުގެ ސަރުކާރު މުޢައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، މާފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާއީ މައްސަލަތައް ކައުންސިލް މެންބަރުން، ރައީސްއާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން، މާފުށީގެ ބިމުގެ ދަތިކަމާއި، ގެދޮރުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ކުނި މެނޭޖްކުރެވެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. ކައުންސިލުގެ މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މަގުތައް އަޑިގުޑަން ވުމުން ދިމާވާ ދަތިތަކާއި، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މުޢައްސަސާތަކުގެ އިސް ވެރިން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންގެ ދަތިކަން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އެމްޑަބްލިޔުއެސްސީގެ ހިދުމަތް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޖާގަ ނެތުމާއި، ސްޓެލްކޯގެ ތެލުގެ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ޖާގަނެތުމާއި، ރަށުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުގެ މުހިންމުކަމާއި، މާފުށީ ޖަލުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ފާހަގަ ކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި މާފުށީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަން ކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެރުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.‏‏‏‏ މިގޮތުން މާފުށީގެ ބިން ބޮޑުކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށްޓަވާނެކަމުގައި ރައީސް ހާމަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް އަރިހު، ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު މާފުށްޓަށް ވަޑައިގެން އުޅުއްވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އަދި މިއީ ކޮންމެ ދުވަހަކު ވެސް ކައުންސިލްތަކާ ބައްދަލުކޮށް، ރަށްރަށުގެ ހުރި މައްސަލަތައް އޮޅުން ފިލުއްވުމަށް ރައީސް ސޯލިހު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލު ކުރެއްވުމެއް ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް