Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 17:59
ކުރީގެ ރައީސް ޔާމިން
ކުރީގެ ރައީސް ޔާމިން
އަޒުމޫން އަހުމަދު
ރައީސް ޔާމިންގެ ޝަރީއަތް
ޔާމިން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން މާދަމާ
ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދިޔުމަށް އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގ ދައުވާގެ ޝަރީއަތް ނިމެންދެން އެ މަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑު އެހުން ބުރާސްފަތި ދުވަހުގެ 10:00ށް ހައި ކޯޓުން ތާވަލުކޮށްފިއެވެ.

ޔާމިން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގެ އެވެ. ޔާމިންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އޭގެ ޖެހިގެން އައި ދުވަހުގައެވެ. އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދަން އެދުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. ޕީޖީ އޮފީހުން މިހެން އެދިފައިވަނީ އެ މަނިކުފާނު މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން އުޅެ، ހެކިބަސް ދޭ ފަރާތްތަކަށް ރިޝްވަތު ހުށައަޅުއްވަމުންދާ ކަމަށް ތުހުމަތުކޮށެވެ. 

ނަމަވެސް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޔާމިން ވަނީ ޕީޖީ އޮފީހުގެ ވާހަކަ ދޮގު ކޮށްފައެވެ. އެ މަނިކުފާނު ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި ހެކިވެރިންނަކީ ކޮބައިކަން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރާއި ގުޅިގެން ޔާމިން ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންދިޔަ ނަމަވެސް މި ވަގުތު އެ މަނިކުފާނު އޮންނެވީ ހިތުގެ މައްސަލައެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައެވެ.

ޔާމިންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެ މަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުުހުންގެ ތަހުގީގަށް އެ މަނިކުފާނު ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ދައުވާކުރަން ވެސް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް